ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

މިގޮތުން އެ ކޮމިޝަނަށް ރައީސް ޢައްޔަންކުރެއްވި ދެ ބޭފުޅުންނަކީ މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމްއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމްއެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނާ މަޤާމުގެ ލިޔުން ޙަވާލުކުރައްވާފައެވެ.

އެޗްއާރުސީއެމްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ދުސްތޫރީ އަދި ޤާނޫނީ މުއައްސަސާއެކެވެ. މި ކޮމިޝަންގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި ކުރިއެރުވުމެވެ.

2003 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އުފެދުނު މި ކޮމިޝަނަށް ޤާނޫނީ ބާރު ލިބިގެން ދިޔައީ 2006 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 2006/06) ފާސްވުމާ ގުޅިގެންނެވެ. މި ޤާނޫނުގެ ދަށުން ކޮމިޝަނަކީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ މިނިވަން އަދި މުސްތަޤިއްލު މުއައްސަސާއެކެވެ.

އެޗްއާރުސީއެމްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކަށް އެހީތެރިވެ ހިތްވަރުދިނުން ހިމެނެއެވެ.