ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން އޭޓީއެމުން މަހަކު 750 ޑޮލަރު ނެގޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ ބޭންކުގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް އިއްޔެ ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. ބީއެމްއެލްއިން ގެނައި ބަދަލުތަކުގެ ތެރޭގައި ކޮންމެ ޑެބިޓް ކާޑަކަށް ބޭންކު ރޭޓުން ދެމުން އައި ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކޮށްދީފައިވެއެވެ. ނަމަވެސް، މީގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އާންމު ފަރާތްތަކަށް ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން މަހަކު ނެގޭނެ އަދަދު 125 ޑޮލަރަށް ލިމިޓްކޮށް، ކޮންމެ ޓްރާންސެކްޝަނަކަށް 10 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ.
އެއާއި އެކު ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއާއި އެކު މިއަދު މިވަނީ އެކަމަށް ހައްލެއް ހޯދުމަށް އެ ނިންމުމަށް ބަދަލުތަކެއް ގެނެސްފައެވެ.
ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް 750 ޑޮލަރުގެ ލިމިޓް ހަމަޖެއްސުމަށް ބީއެމްއެލް ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލްގައި ރަޖިސްޓަރީކޮށް، ރުފިޔާ ޑެބިޓް ކާޑު ސިލެކްޓް ކުރަންޖެހޭނެއެވެ. މި ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރާންސެކްޝަން ހެދުމާއި، ދިރިއުޅޭ ގައުމުތަކުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް ޚާއްސަ އިނާޔަތްތަކެއް ދީފައިވެއެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހު ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓް 1,200 ޑޮލަރަށް ބޮޑުކޮށްދީފައިވާއިރު، މި ބަދަލުތަކުގެ އަސަރެއް ދަރިވަރުންނަށް ނުކުރާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
މީގެއިތުރުން، ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް 500 ޑޮލަރަށް ބޮޑުކުރުމާއެކު، އާންމުކޮށް ދިވެހިން އޮންލައިން ވިޔަފާރިއަށް ބޭނުންކުރާ ހަ ވެބްސައިޓަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށް ވެސް ބޭންކުން ނިންމާފައިވެއެވެ. މި ސައިޓްތަކުގެ ތެރޭގައި ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!