މެޓާގެ ސީއީއޯ މާކް ޒަކަބާގް، އޯޕަން އޭއައިގެ އިސް މުވައްޒަފުންތަކެއް ކުންފުންޏަށް ގެނައުމަށް ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅައިފިއެވެ.

މީގެ ތެރޭގައި ބައެއް ދިރާސާވެރިންނަށް 100 މިލިއަން ޑޮލަރުގެ ބޯނަސް އެއް އެކުންފުންޏަށް ސޮއިކުރާމަތިން ހުށައަޅާފައިވާއިރު އޭގެގެ އިތުރުން ބޮޑެތި އަދަދު ތަކުން މުސާރަ އާއި އިނާޔަތްތައްވެސް ހުށައަޅަމުން އަންނަކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

Ad
rt

އެގޮތުން ޝެންގްޖިއާ ޒާއޯ، ޝުޗާއޯ ބީ، ޖިއާހުއި ޔޫ އަދި ހޮންގްޔޫ ރެން މިހާރުވަނީ މެޓާގެ "ސުޕަރއިންޓެލިޖެންސް" ޓީމާ ގުޅިފައެވެ. މިއީ އޭއައި މާކެޓުގައި އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ އޯޕަން އޭއައިގެ ތަންބުތައް ކަމުގައި ފާހަގަކޮށްލެވޭ ފަރާތްތަކެވެ. މި މުވައްޒަފުންގެ އޯޕަން އޭއައި ސްލެކް ޕްރޮފައިލްތައް މިހާރުވަނީ ހުއްޓާލެވިފައެވެ.

އޯޕަން އޭއައިގެ ޗީފް ރިސާޗް އޮފިސަރ މާކް ޗެން މިކަމާ ގުޅޭގޮތުން ފޮނުވި މެމޯއެއްގައި ބުނެފައިވަނީ "އަހަރެންނަށް މިވަގުތު ވަރަށް ބޮޑަށް އިހްސާސްވަނީ މީހަކު އަހަރެމެންގެ ގެއަށް ވަދެ އަގުބޮޑު އެއްޗެހިތަކެއް ވަގަށް ނަގައިގެން ގެންދިޔަހެން" ކަމަށެވެ.

މާކް ޒަކަބާގް ވަނީ މެޓާގެ އޭއައި މަސައްކަތްތައް އަލުން އެކުލަވާލައި، "މެޓާ ސުޕަރއިންޓެލިޖެންސް ލެބްސް" ގެ ނަމުގައި އައު ޔުނިޓެއް އުފައްދާފައެވެ. މި ޔުނިޓުގެ ޗީފް އޭއައި އޮފިސަރެއްގެ ގޮތުގައި ހުންނާނީ ސްކޭލް އޭއައިގެ ކުރީގެ ސީއީއޯ އެލެގްޒެންޑަރ ވަންގްއެވެ.

މީގެ އިތުރުން، މެޓާއިން ވަނީ ގޫގުލް ޑީޕްމައިންޑްގެ ޕްރިންސިޕަލް ރިސާޗަރ ޕެއި ސަން އަދި އެންތްރޮޕިކްގެ އިންޖިނިއަރ ޖޮއެލް ޕޮބާ ފަދަ 11 އައު އޭއައި ދިރާސާވެރިން ވެސް ކުންފުންޏަށް ގެނެސްފައެވެ. މިއީ މެޓާއިން އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް (އޭޖީއައި) ދާއިރާގައި ކުރިއަށް ދިއުމަށް އަޅަމުންދާ ހަލުވި ފިޔަވަޅުތަކުގެ ބައެކެވެ.