މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ފެށުމަށާއި އަދި ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް ފެށުމަށް 390 މަޝްރޫޢެއް އެކި ކުންފުނިތަކާއެކު ސޮއިކުރެވިފައިވާ ކަމަށާއި، މި ހަފްތާ ތެރޭގައި އަދި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި އިތުރު ގާތްގަނޑަކަށް 300 އެއްހާ މަޝްރޫޢުގައި ސޮއިކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މ. މުލި އެއަރޕޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރާ ހަވާލުވިއިރު އެކި ސަބަބުތަކާ ހެދި ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް އަލުން ފެށުމަށް މިހާރު ވަނީ ހުރިހާ ކަމެއް ނިންމިފައެވެ.
"އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، އެކި ސަބަބުތަކާ ހެދި ހުއްޓިފައި ހުރި، ގިނަ މަސައްކަތްތަކެއް ހުރި. މިހާރު އޭގެތެރެއިން ވަރަށް ގިނަ މަސައްކަތްތައް ރީ-ސްޓާޓް ކުރުމަށްޓަކައި، އަލުން ފެށުމަށްޓަކައި އެވަނީ ހަމަ ހުރިހާ ކަމެއް ނިންމިފައި. އޭގެތެރެއިން އަލަށް ފެށުމަށާއި އަދި ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް ފެށުމަށް އަޅުގަނޑުމެން މިހާރުވެސް ވާނެ، މިގޮތަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، 390 މަޝްރޫޢެއް ފަށަން އެކި ކުންފުނިތަކާ ސޮއިކޮށްފައި. އަޅުގަނޑުމެން މި ސަރުކާރުން މި އަހަރުގެ ތެރޭގައި ސޮއިކޮށްފައި ވާނެ. އެއީ، ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ ތެރެއިން ކުރާ މަސައްކަތް. އެއީ، ސަރުކާރު ޙިއްޞާވާ ކުންފުނިތައް" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ވަރަށް ގާތުން ސަރުކާރުގެ ހުރިހާ އިދާރާއާއެކު ގުޅިގެން މި މަސައްކަތްތައް ތަރުތީބު ކުރަނީ އަވަހަށް ފެށުމަށްޓަކައެވެ. މި ގޮތުން ކޮންމެ ހަފްތާއަކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވައި، ހުރިހާ ބޭފުޅުން އެކުގައި މިކަންކަން ބާރަށް ގެންދިޔުމުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ދަންނަވަން އުޅޭ ވާހަކައަކީ، މި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ދޭ ޔަޤީންކަމަކީ، މިގޮތަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެފައި ހުރި ހުރިހާ ވަޢުދެއް ފުއްދުމުގައި އަޅުގަނޑުމެން ވަރަށް ސަމާލުކަން އެބަދެމޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ކުރިން އިޝާރާތްކުރެއްވި 390 މަޝްރޫޢުގެ އިތުރުން އަދި ވިއްސަކަށް މަޝްރޫޢުގައި ވަރަށް އަވަހަށް ސޮއިކުރާނެއެވެ. އަދި މި ހަފްތާ ތެރޭގައި އަދި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި އިތުރު ގާތްގަނޑަކަށް 300 އެއްހާ މަޝްރޫޢުގައި ސޮއިކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ޕްރައިވެޓް ސެކްޓަރއަށް ހުޅުވާލާ މަޝްރޫޢުތައްވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ، 700 ނޫނީ 800 އެއްހާ މަޝްރޫޢު، މިދިޔަ ފެބުރުވަރީން ފެށިގެން ކުރިއަށް މި އޮތް ދެ މަހާ އެއްކޮށްލައިފިއްޔާ، ގާތްގަނޑަކަށް ހަތަރު ފަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ހަވާލުކުރަނީ އެކި ކުންފުނިތަކާ. ބާރު ސްޕީޑްގައި މަސައްކަތްތައް ގެންގޮސް އިރާދަކުރެއްވިއްޔާ ނިންމުމަށްޓަކައި," ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވެސް އެމަނިކުފާނު ވެވަޑައިގަތް ވަޢުދުތައް ފުއްދުމަށް އެމަނިކުފާނު ވަރަށް ސަމާލުކަން ދެއްވައެވެ. މި ގޮތުން މަގުހެދުން، ބިން ހިއްކުން، ބަނދަރު ހެދުން، ސްކޫލްތަކާ ބެހޭ އިންފްރާސްޓްރަކްޗަރ މަޝްރޫޝްރޫޢުތައް، ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް، ކުޅިވަރުގެ މަޝްރޫޢުތައް އަދި ކުނި މެނޭޖްކުރުން ފަދަ ހުރިހާ ދާއިރާއެއްގެ މަޝްރޫޢުތައް ހިމެނޭ ގޮތަށް މި މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފުރިހަމަ ޔަޤީންކަން އެބައޮތް، އަޅުގަނޑުމެންގެ މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ. އަޅުގަނޑުމެންނަށް މިކަންކަން ކުރެވޭނެގޮތް އެނގޭ. ކުރެވޭނެ ގޮތަށް ރާވައިގެން މި ގެންދަނީ. އެހެންވީމާ، އެއްވެސް ކަންބޮޑުވުމެއްނެތި އިރާދަކުރެއްވިއްޔާ މިކަންކަން ދާނެ," ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!