ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް ފައިސަލް ރަސުލް ލޯދީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައެވެ.

Ad
rt

ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ސަފީރުގެ ފަތްކޮޅު ރައީސް މުޢިއްޒުއަށް އެރުވުމުން ސަފީރަށް ރައީސް މަރުހަބާ ވިދާޅުވެފައިވާއިރު، މި ރަސްމިއްޔާތަށް ފަހު ބޭއްވުނު ބައްދަލުކުރެއްވުމުގައި، ރައީސް މުޢިއްޒު އާއި ޕާކިސްތާން ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ސިއްޙީ ދާއިރާ އާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާ ހިމެނުނެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އާއި ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ތަޢުރީފް ކުރައްވާފައެވެ.

މި ރަސްމިއްޔާތާއެކު، ރިޓަޔާޑް ވައިސް އެޑްމިރަލް ފައިސަލް ރަސުލް ލޯދީ ވަނީ ރަސްމީކޮށް ޕާކިސްތާނުގެ އައު ސަފީރުގެ ގޮތުގައި މަސައްކަތް ފައްޓަވާފައެވެ. މި ބަދަލާއެކު ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވާނެ ކަމަށް އުންމީދު ކުރެވެއެވެ.