ފެނަކަ ކޯޕަަރޭޝަނުން ޚިދުމަތްދޭ ރަށްތަކުގައި ކުއްލި ހާލަތަށް ހާއްސަ ޢުޞޫލުތަކެއް އެކުލަވާލައި މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

ފެނައިން މިއަދު ވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

އެ ކުންފުނިން ބުނީ މި ހަރަަަކާތްތަކުގެ ތެރެއިން ފެނަކައިގެ ޚިދުމަތްދޭ ރާއްޖޭގެ 151 ރަށެއްގައި ޤާއިމްކޮށްފައިވާ ފެނަކައިގެ ބްރާންޗްތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށް، ކުއްލި ޙާލަތްތަކުގައި އިޖާބަދޭނެ ގޮތުގެ ޢުޞޫލުތަކެއް އެކުލަވާލައި މިއަދު ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

މި ޢުޞޫލުގައި، ޤުދުރަތީ ގޮތުން ނުވަތަ އެހެނިހެން ސަބަބުތައް މެދުވެރިވެގެން ކުރިމަތިވާ ކުއްލި ޙާލަތްތަކުގައި ޢަމަލުކުރަންޖެހޭ ގޮތްތަކުގެ ތަފްސީލުގެ އިތުރުން، މިފަދަ ޙާލަތްތަކުގައި ޙަރަކާތްތެރިވާނެ ޓީމް އެކުލަވާލެވިގެންވާ ގޮތް ވަނީ ބަޔާންކޮށްފައެވެ.

"ތައްޔާރު" ގެ ނަމުގައި މި ފެށުނު ޙަރަކާތް، އެ ކުންފުނިން ޚިދުމަތްދޭ ހުރިހާ ބްރާންޗްތަކެއްގައި މިއަދު ހެނދުނު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މި ޓީމްތަކަށް މުވައްޒަފުން ކަނޑައަޅައި، އެފަދަ ޙާލަތެއްގައި ޓީމުތަކާއި މުވައްޒަފުން ޙަރަކާތްތެރިވާންޖެހޭ ގޮތުގެ ތިއަރީ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އުސޫލު އެކުލަވާލައި ޢަމަލުކުރަން ފެށުމާއެކު، މިއީ ކާރިސާތަކާއި ކުއްލި ޙާލަތްތަކުގައި ޢަމަލު ކުރާނެގޮތުގެ އިތުރުން، ފެނަކައިގެ ޢިމާރާތްތަކުގައި ހުންނަން ޖެހޭ ސަލާމަތީ މިންގަނޑު، ޔުޓިލިޓީ ރެގިއުލޭޓަރީ ޤަވައިދާ އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެވެސް މުހިއްމު ފިޔަވަޅެއްކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މި ޙަރަކާތް ރާވާލާފައި ވަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހަށް ހިންގުމަށް ޕްލޭންކޮށްފައިވާ ގިނަ ބައިތަކެއްގެ މައްޗަށް އެކުލެވޭ ގޮތަށެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި، ކުއްލި ޙާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް މުވައްޒަފުންނަށް ދިނުމާއި، މި ފަދަ ޙާލަތްތަކަށް ބޭނުންވާނެ އަސާސީ ސާމާނު، ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ހުރިކަން ކަށަވަރުކުރުން ހިމެނޭކަމަށް ފެނަަަަކައިން ބުނެއެވެ.

ފެނަކައިން ބުނީ، ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް މުވައްޒަފުންނަށް ބޭނުންވާނެ ޢަމަލީ ތަމްރީނު ދިނުމަށްޓަކައި، އެމްއެންޑީއެފްއާއެކު މިހާރު ވަނީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ އަދި ކުރިއަށް އޮތް އަހަރު ދުވަހަށް ބަލާލައިގެން މިފަދަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފްއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

ފެނަކައިގެ މަޤުސަދަކީ، ފެނަކައިން ހިންގާ ހުރިހާ އިންޖީނުގެތަކާއި، އާރުއޯ ޕްލާންޓްތައް، ޔުޓިލިޓީ ރެގިއުލޭޓަރީގެ ސަލާމަތީ މިންގަނޑުތަކަށް ފެއްތުމާއެކު، ފެނަކައިގެ ކޮންމެ ބްރާންޗެއްގައިވެސް ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައި ތިބި މުވައްޒަފުން ތިބިކަން ޔަގީންކުރުންކަމަށް އެ ކުންފުނިން ބުނެއެވެ.