ހދ. ކުޅުދުއްފުށީ ސިޓީއަށް ދިޔަ ބޯޓެއް ބަލާފާސްކޮށް އެ ބޯޓުން އެރަށަށް ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ނުވަ ބިދޭސީއަކަށް ނޯޓިސްދީ، އެ ބޯޓުގެ ކެޕްޓަނަށް ނަސޭހަތްދީފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، އިއްޔެ ލިބުނު މަޢުލޫމާތަކާއެކު ކުޅުދުއްފުއްޓަށް ދިއަ ބޯޓެއްގައި ތިބި ބިދޭސީން ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ޕޮލިސް އަދި އެ އިދާރާ ގުޅިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
''އެގޮތުުން، މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ވަނީ ލިޔުމުން ނަސޭހަތްދީފައި'' އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު މާލޭގައި ހިންގަމުން އަންނަ އޮޕަރޭޝަންގެ ސަބަބުން، މާލޭގައި ނުގަވާއިދުން އުޅޭ ބިދޭސީން ފިލުމަށް . ކުޅުދުއްފުށި ސިޓީއަށް ދާތީ ސިޓީ ކައުންސިލުން ވަނީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، އެކަން ހުއްޓުވުމުގެ މަސައްކަތް ކުރިން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!