ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާއި ގެދޮރުވެރިކަމުގެ ޔޫނިއަންތައް ހިމެނޭހެން މުހިންމު ދެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމުގައި ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ވިދާޅުވީ މިއަދު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އާއިއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށާއި، މި ބައްދަލުވުމުގައި އެ ޖަމިއްޔާގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ބައްދަލުވުމުގައި ބޮޑުކަންނެލި މަސްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިޔުމުގައި ސަރުކާރުގެ ސިޔާސަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި ސިޔާސަތުތަކަށް ގެންނަން ޖެހޭބަދަލުތަކާއި ގުޅޭގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ.
ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ވަޒީރުންގެ މަޖިލީހުން މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ނިންމި ނަމަވެސް، އެ ނިންމުން ބަދަލުކޮށް ރައީސް ވަނީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ނުދޭން ނިންމާފައެވެ.
ލޭނު އަޅަން ހުއްދަ ނުދޭން ނިންމައި އެ ދުވަހު ރައީސް ވިދާޅުވީ، އެ ނިންމުން ނިންމާފައި ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް ރިޔާއަތް ކުރުމަށް ފަހުކަމަށެވެ. އަދި އެ ފަރާތްތަކާއިއެކު ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމުގައި ވެސް އެ ދުވަހު ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިއަދު ގެދޮރުވެރިކަމުގެ ޔޫނިއަންތަކާއިއެކު ވެސް ބައްދަލުވުން ބާއްވަން ނިންމަވާފައެވެ.
ވީޑިއޯ މެސެޖްގައި ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ ޔޫނިއަންތަކާއިއެކު ބާއްވާ ބައްދަލުވުމުގައި ފަހި ޔޫނިއަން، ގިރާވަރު މާލެ ސިޓިޒަންސް އެސޯޝިއޭޝަން، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ރައްޔިތުންގެ ކޮމެޓީގެ އިތުރުން މާލެ ރައްވެހިންގެ ޖަމިއްޔާ ބައިވެރިވެލައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!