މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު (ގޭސް މާނު)ގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އޭސީސީން އިސް ނަގައިގެން ބެލި މި މައްސަލައިގައި މައުމޫން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައި ހުރި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މައުމޫނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މި މައްސަލާގައި މައުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ، އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ ހަތް ދައުވާއެއް ކުރުމަށް އެސީސީން ވަނީ އެދިފައެވެ.
އޭނާގެ މައްޗަށް އޭސީސީން ކުރާ ދައުވާ ތަކަކީ:
- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
- ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ކުށެއް ކުރަން އެދުމުގެ ދައުވާ
- ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
- ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމުގެ ދައުވާ
- ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
އަދި މި މައްސަލައިގައި ހިމެނޭ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) އަންބުރާ ހޯދުމަށްވެސް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!