ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާއި އޭނާ އަދި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މައްސަލައެއް ޖެހެންވީ ސަބަބެއް ވެސް ނެތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަންގެ ގޮތުގައި ވެސް ހުންނެވި އަދުރޭ މިހެން ވިދާޅުވީ ސަންގު ޓީވީން ގެނެސްދިން ''ޚަބަރަށްފަހު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ރައީސް ޔާމީންގެ ފޯނު އަދުރޭ ނުނަންގަވާ ކަމަށާއި، މެސެޖަކަށް ވެސް ޖަވާބު ނުދެއްވާކަމަށް އަދި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕުން ކަންކަމުގައި ރައީސް ޔާމީނާ މަޝްވަރާ ނުކުރައްވާކަމަށް ޔާމީންގެ ޤާނޫނީ ވަކީލު، ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު އަޙްމަދާއި، ކުރީގެ ވަޒީރު މުޙައްމަދު މަލީހް ޖަމާލު ދައްކަވާ ވާހަކަތަކާއި ގުޅޭގޮތުން ޕްރެޒެންޓަރު، އަދުރޭ އާއި ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން އެންމެފަހުން ގެއަށް ބަދަލުކުރިފަހުން އޭނާ އަށް ގުޅުއްވާފައެއް ވެސް އަދި މެސެޖެއް ވެސް ކުރައްވާފައި ނުވާކަމަށެވެ.
''އަޅުގަނޑާއި ރައީސް ޔާމީނާ އެއްވެސް މައްސަލައެއް ޖެހެންޖެހޭ ސަބަބެއް ނޯންނާނެ، އަޅުގަނޑުމެންގެ ލީޑާޝިޕާވެސް ރައީސް ޔާމީނާ މައްސަލަ ޖެހެންޖެހޭ ސަބަބެއް ނޯންނާނެ،'' އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ފާއިތުވި ފަސް އަހަރު އަދުރޭއާއި ދެ ޕާޓީގެ ލީޑާޝިޕުން މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް ޔާމީން ވިދާޅުވިގޮތައް، ވިދާޅުވިގޮތަކަށް ވިދާޅުވިކަަމެއް ކަމަށެވެ.
''ރައީސް ޔާމީން ވިދާޅުވިކަމެއް ވިދާޅުވިގޮތަކަށް ކުރަމުން ދިޔަ ލީޑާޝިޕެއް ޕީޕީއެމް/ޕީއެންސީގައި އޮތީ، އެހެންވީމަ އަޅުގަނޑުމެންނާ އެއްވެސް މައްސަލައެއް ޖެހިފައެއްނެތް،'' އަދުރޭ ވިދާޅުވެފަ ވެއެވެ.
ކަންކަމުގައި ރައީސް ޔާމީނާއި ދެ ޕާޓީގެ ލީޑާޝިޕުން މަޝްވަރާ ނުކުރާކަމަށް ދެކެވޭ ވާހަކައާއި ގުޅުވައި އަދުރޭ ވިދާޅުވީ، މިހާތަނަށް އައިއިރު އެންމެފަހުން ރައީސް ޔާމީނާއެކީ މަޝްވަރާކުރީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދެ ޕާޓީއެކުގައި މަސައްކަތް ކުރުމާގުޅޭގޮތުން، ދެ ޕާޓީ އެއްކޮށް ޕްރައިމަރީ ބާއްވައިގެން ކެންޑިޑޭޓުން ހޮވުމާ ގުޅޭގޮތުން ކަމަށެވެ. އެ ގޮތުން ލީޑާޝިޕްގެ ހަތަރު، ފަސް ބޭފުޅަކާއެކުގައި ކުރެވުނު މަޝްވަރާގައި އެމަނިކުފާނު އެދިވަޑައިގަތް ގޮތުގެ މަތީން މަޖިލީހުގެ ޕްރައިމަރީގެ ވާހަކަ ވާނީ ޢިއުލާންކޮށްފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
''އެހެންވީމަ އަޅުގަނޑު ޤަބޫލު ކުރަނީ މަޝްވަރާ އެބަ ކުރިއަށްދެއޭ، އެއޮތީ މަޝްވަރާގެ މަގު ހުޅުވިފައޭ، އެހެންވީމައި އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ މައްސަލައެއް އޮތްކަމަކަށް، މައްސަލައެއް ޖެހެންޖެހޭ ސަބަބެއް އޮތް ކަމަކަށް ވެސް'' އަދުރޭ ވިދާޅުވެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!