އިނގިރޭސި ޕްރިމިއާ ލީގުގެ މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސިޓީންނެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ނަތަން އާކޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ އާލިން ހާލަންޑެވެ. މިއީ ހާލްންޑް ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. އޭނާ މި އަދަދަށް ލަނޑު ޖަހާފައި ވަނީ 48 މެޗުންނެވެ. އޭނާވެފައި ވަނީ އެންމެ މަދު މެޗުން މި އަދަދަށް ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.
ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 80 ވަނަ މިނެޓުގައި އާނޯލްޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ސަލާހްގެ އެހީތެރިކަމާއި އެކުގައެވެ.
މި ނަތީޖާއާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ ކުޅުނު 13 މެޗުން ލިބުނު 29 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ލިވަޕޫލް އޮތީ 13 މެޗުން ލިބުނު 28 ޕޮއިންޓާއި އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!