މިއަދު ވެރިކަމާ ހަވާލުވާ ސަރުކާރުގައި، އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ''ސްޓާޓްއަޕް ލޯން ސްކީމް'' އެއް ތައާރަފް ކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ''ހަފްތާ 14''ގެ ނަމުގައި އާންމު ކުރެއްވި މި ޕްލޭންގައި ''އަންހެނުން، ޒުވާނުން، ކުޅިވަރު، ފަންނިއްޔާތު''ގެ ދަށުން ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ''ސްޓާޓްއަޕް ލޯން ސްކީމް'' އެއް ތައާރަފް ކުރުމަށް ހިމަނާފައި ވަނީ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރާނެ ކަމެއްގެ ގޮތުގައެވެ.

Ad
rt

މި ޕްލޭންގައި ދައުލަތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްމަގާމުތަކަށް އަންހެނުން އިތުރުކުރުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރުމަށް ހިމަނާފައިވާއިރު، އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ ބާވަތްތައް ވިއްކޭނެ އޮންލައިން ޕްލެޓްފޯމެއް ފުރަތަމަ 14 ހަފްތާގެ ތެރޭގައި ގާއިމު ކުރަން ހިމަނާފަ ވެއެެވެ.

މީގެ އިތުރުން ވެސް މިދާއިރާތަކުން ގިނަ ކަންތައްތަކެއް ހިމަނާފައިވާ މި ޕްލޭންގައި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހުން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފުރަތަމަ 9 ހަފްތާގެ ތެރޭގައި ފަށަން ވަނީ ހިމަނާފައެވެ. އަދިހަމައެހެންމެ، އަންހެން މުވައްޒަފުންނަށް ރައްކާތެރި، ޤަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ޤާނޫނީ އޮނިގަނޑަށް ގެންނާންޖެހޭ ބަދަލުތައް ގެންނަ ވެސް މި ޕްލޭންގައި ވެއެވެ.

ވެރިކަމުގެ ފުރަތަމަ 9 ހަފުތާގެ ތެރޭގައި އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކަން ހާއްސަ ސަރަޙައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ވެސް މި ޕްލޭންގައި ހިމަނާފައިވާއިރު، ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ''ސީލިން ފައިނޭންސް''ގެ ގޮތުގައި ފައިސާ ހޯދަން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ފަސޭހަ އިމްތިޒާމްތަކެއް ހަމަޖައްސަން ވެސް މި ޕްލޭންގައި ވެއެވެ.

ރާއްޖޭގައި ހައްދާ ބާވަތްތައް މާކެޓް ގަނެވިއްކުމަށް ޚާއްޞަ ނިޒާމެއް ޤާއިމުކުރުމަށް ވެސް ހިމަނާފައިވާ މި ޕްލޭންގައި، އެ ނިޒާމުގެ ތެރެއިން އަންހެނުންނަށް ޚާއްޞަ ފުރުސަތުތަކެއް ހަމަޖައްސަން ވެސް ހިމަނާފަ ވެއެވެ.

މީގެ އިތުރުން ފަންނިއްޔާތުގައި އަންހެނުން ދައުރު ފުޅާކުރުމަށް ޤައުމީ ހަރަކާތެއް ފެށުމާއި، ދައުލަތުގެ އިދާރާ، އަމިއްލަ ކުންފުނި، ވިޔަފާރިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގެ ''ހަމަހަމަކަމުގެ ނިޝާނެއް'' ތަޢާރަފްކުރުން ފަދަ އަންހެނުން ބާރުވެރިކުރުމަށް ގިނަ ކަންތައްތަކެއް މި ޕްލޭންގައި ހިމަނާފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ޤާނޫނީ ހުވާކުރައްވާނީ މިއަދު ހަވީ 16:45 ގައި ފަށާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައެވެ. އެމަނިކުފާނުގެ ކެބްނެޓް ހުވާކުރައްވައި މަޤާމާއި ހަވާލުވުން އޮތީ މިރެ އެވެ.