ހދ. ކުޅުދުއްފުށީ ސިޓީ އެއާޕޯޓު ފަސިންޖަރުންގެ ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައްފަށައި، މީހުން އުޅޭ ބޮޑެތި ރަށްތަކުގެ މަގު ހަދަން ފެށުންފަދަ ގިނަ އުމުރާނީ މަސައްކަތްތަކެއް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ.

ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާންމު ކުރެއްވި މި ޕްލޭންގައި މި މަސައްކަތް ފަށަން ހިމަނާފައި ވަނީ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ.

Ad
rt

މި ޕްލޭންގެ ގެދޮރުވެރިކަމާއި އުމުރާނީ ތަރައްގީގެ ބައިގައި ރައްޔިތުންނަށް ވަރަށް ބޭނުންތެރި، ތަރައްގީއާއި ތަހުޒީބަށް މުހިންމު ގިނަ ކަންތައްތަކެއް ހިމަނާފައިވާއިރު، އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު އަވަސް ކުރުމަށް ކުރަންޖެހޭކަންކަން ފުރަތަމަ 4 ހަފުތާގެ ތެރޭގައި ފެށުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން ހިއްކަން ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ މަސައްކަތް ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފެށުމަށާއި، އުތުރާއި ދެކުނުގައި ތަރައްގީކުރަން ނިންމާފައިވާ ބޮޑެތި އާބަން ސެންޓަރުތައް ޤާއިމުކުރަން ބޭނުންވާ ސިޔާސަތުތައް ފުރަތަމަ 9 ހަފުތާތެރޭގައި ކަނޑައެޅުން ހިމެނެއެވެ.

ކަނޑައަޅާ ރަށްތަކުގައި އެއާާޕޯޓު އެޅުމަށް ތާވަލު އެކުލަވާލައި އަމަލީ މަސައްކަތް ފުރަތަމަ 14 ހަފުތާގައި ފަށަން މި ޕްލޭންގައި އޮތްއިރު، މީހުން އުޅޭ ބޮޑެތި ހުރިހާ ރަށެއްގެ މަގުތައް ހެދުމުގެ ތާވަލު އެކުލަވާލައި ފުރަތަމަ 14 ހަފުތާގައި އެ މަސައްކަތް އަމަލީގޮތުން ފަށަން މި ޕްލޭންގައި ހިމަނާފަ ވެއެވެ.

ރޭގެ ރަސްމިއްޔާތުގައި އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިހާބަށް ނިކުންނެވީ ރައްޔިތުންގެ ވޯޓް ހޯއްދެވުމަށް ފަހު ފިއްލަވަން ނޫން ކަމަށާ ރައްޔިތުންނަށް ވީ ކޮންމެ ވައުދެއް ފުއްދުމުގައި ދެމި ހުންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.