ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދަފްތަރާއި ގުޅޭގޮތުން އެ ޕާޓީގެ ރައީސް ދެއްކެވި ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.

ނަޝީދު މިއަދު ވަނީ އެމްޑީޕީގެ ދަފްތަރާގުޅިގެން ކަންބޮޑުވުންއޮތްކަން ހާމަކޮށް އެ ޕާޓީއަށް ސިޓީއެއް ފޮނުއްވާފައެވެ. އެމަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓެއްކަމަށް ވިދާޅުވެ، އެ ޕާޓީގެ ދަފްތަރުގައި ތިބި ސާޅީހަކަށް ހާސް މީހުން، އެމީހުންނަށް އެނގުމަކާއިނުލައި ދަފްތަރުން އުނިވެ ދަފްތަރު ވަނީ ގަޑުބަޑުވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެހެން އޮއްވާ ޕްރައިމަރީ ކުރިއަށް ގެންގޮސްފިނަމަ އެ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށް ނަޝީދު ވިދާޅުވެފަވެއެވެ.

Ad
rt

ނަޝީދު ވަނީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު އެ ޕާޓީގެ ވޯޓުލާ ދަފްތަރުގެ ގޮތުގައި މިހާތަނަށް ބަލަމުންއައި ދަފްތަރުގައި ހިމެނޭ މެންބަރުންގެ ޙައްޤުތައް ނުގެއްލޭނެކަން ކަށަވަރުކޮށް ދިނުމަށް އެދޭކަމަށް ވިދާޅުވެފައެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނިކޮށް، އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ޕާޓީގެ އާއްމު މެމްބަރުން ކަމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި އިންތިޒާމުވެ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމާ އެކު އެ ޕާޓީގެ އަސާސްތަކަށް ތާއީދުކުރާ ކޮންމެ ދިވެހި ރައްޔިތަކު ޕާޓީގެ މެމްބަރަކަށް ވުމަކީ އަބަދުވެސް އެ ޕާޓީން މަރުހަބާ ކިޔާނެ ކަމެއްކަމަށެވެ.

އެއާއެކު ޕާޓީގެ އަސާސީ ގަވާއިދާއި ގާނޫނީ ނިޒާމުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ޕާޓީ ހިންގުމާއި މެމްބަޝިޕް ކަންތައް ބެލެހެއްޓުމަކީ އެ ޕާޓީން އިސްކަންދޭ ކަމެއްކަމަށް ބުނެފަވެއެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް އާއްމު މެމްބަރުންގެ ނުހަނު ބޮޑު ބައިވެރިވުމާ އެކު ކުރިއަށް ގެންދާ ޕާޓީއެއްކަމަށާއި، އެ އިންތިހާބުތަކުގައި ވޯޓުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި މި ޕާޓީއަށް ނިސްބަތްވާ މެމްބަރުންނަށް ކަމަށް ބުނެފަވެއެވެ.

''ނަމަވެސް, ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށެވެ. މިއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެކެވެ.'' އެބަޔާނުގައި ބުނެފަވެއެވެ.

އެމްޑީޕީން ބުނީ، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީގެ މެމްބަރުކަން ބާތިލުވާނީ ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމުން ކަމަށް ބަޔާންކޮށްފަވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ''އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުހުރެވޭނެ'' ކަމަށް ބަޔާންކޮށްފަވާކަމަށެވެ.

''އެމްޑީޕީގެ ގައުމީ މަޖިލީހަށް 29 މޭ 2022 ގައި ހުށަހެޅި ފާސްކުރެވުނު ގަރާރުގައި އޮތީ މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި, ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި, މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި, އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށެވެ.'' އެމްޑީޕީން ބުނެފަވެއެވެ.

އެ ޕާޓީން ބުނީ ގައުމީ މަޖިލީހުގެ މި ނިންމުމާ އެއްގޮތަށްވާ ގޮތުގެ މަތިން މިއަދާ ހަމައަށް ވެސް އެ މެމްބަރުން އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވިފައިކަމަށެވެ. އަދި ނިމިދިޔަ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ޕާޓީގެ ދަފްތަރު ސައްހަކުރަންޖެހޭކަމަށް ވިދާޅުވެފައިވާކަން އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފަވެއެވެ.

''އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ މި ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާ އިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފަ އެވެ.'' އެމްޑީޕީން ބުނެފަވެއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ހިތާމަކުރާކަމަށެވެ.