ބައިނަލްއަގުވާމީ ނޫސް އެޖެންސީ ސީއެންއެން އާއި ދެކޮޅަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަބުރުގެ ދައުވާކޮށްފި އެވެ.
މި މައްސަލަ ޓްރަމްޕް ވެއްދީ ފްލޮރިޑާ ސްޓޭޓްގެ ޑިސްޓްރިކްޓު ކޯޓަކަށެވެ.
ދައުވާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން ޓްރަމްޕް އެދިފައިވަނީ 475 މިލިއަން އެމެރިކާ ޑޮލަރު ނަގައި ދިނުމަށެވެ. ޓްރަޕްމް ވިދާޅުވީ، ސީއެންއެންއިން އާންމު ކުރި މައުލޫމާތުތަކެއްގެ ސަބަބުން ސިޔާސީ ކެރިއަރަށާއި ކެމްޕެއިނަށް ހުރަސް އެޅުނު ކަމަށެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ ޓްރަމްޕް ދެއްކެވި ވާހަކަ އާއި ގުޅިގެން ސީއެންއެންއިން "ދި ބިގް ލައި" ގެ ނަމުން ޓްރަމްޕް އަށް ނިސްބަތް ކުރަން ފެށުމާއި ގުޅިގެން ކުރި ދައުވާއެކެވެ. ސީއެންއެންއިން ވަނީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ ޓްރަމްޕްގެ ޕާޓީ ރިޕަބްލިކަންއިން ފަތުރަމުންދަނީ ދޮގު މައުލޫމާތެއް ކަމަށް ގިނަ ރިޕޯޓުތަކެއް އެ މީހުންގެ ޗެނަލްތަކުން ގެނެސްދީފައި އެވެ.
ޓްރަމްޕް ހުށަހެޅި މައްސަލައިގަ ވާގޮތުގައި 2021 ޖެނުއަރީން ފެށިގެން ސީއެންއެންއިން އޭނާއަށް ނިސްބަތްކޮށް "ދި ބިލް ލައި" ގެ ނަމުން 7،700 ފަހަރު ޓްރަމްޕްއަށް ނިސްބަތްކޮށް ތަފާތު ރިޕޯޓުތައް ލިޔެފައިވާ ކަމަށެވެ. އޭގެ ސަބަބުން ޓްރަމްޕާއި މެދު މީހުންގެ މެދުގައި ބިރުވެރިކަން އުފެދި، ނަފުރަތު އުފެދެމުންދާ ކަމަށެވެ.
ޓްރަމްޕް ވަނީ މިއަހަރު ތެރޭގައި ސޯޝަލް މީޑިއާ ނެޓްވޯކް ޓުވިޓާ އާއި ދެކޮޅަށްވެސް މިފަދަ މައްސަލައެއް ވައްދާފައި އެވެ. އެއީ ކުރެއްވި ޓުވީޓަކާއި ގުޅިގެން އެކައުންޓު ޑީއެކްޓިވޭޓު ކޮށް ދުވަހަކުވެސް ޓުވީޓާ ބޭނުން ނުކުރެވޭ ގޮތް ހެދުމުންނެވެ.
ސީއެންއެންގެ އިތުރުން އެހެން ނޫސް އެޖެންސީތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވެ އެވެ.
ޓްރަމްޕްގެ މި ދައުވާ އާއި ގުޅިގެން ސީއެންއެންއިން ވަނީ ކޮމެންޓު ކުރަން ދެކޮޅު ހަދާފައި އެވެ. ނަމަވެސް މީގެ ތިން މަސް ކުރިން ސީއެންއެންގެ ޗީފް ކްރިސް ލިޗްޓް ވަނީ ޓްރަމްޕަށް ނިސްބަތްކޮށް "ދި ބިގް ލައި" ބޭނުން ކުރުން ހުއްޓާލަން މުވައްޒަފުންނަށް އަންގާފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!