ހއ. އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ރަސްތަރި ޤުރްއާން މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިފިއެވެ.

ބޮޑެތި ފައިސާގެ އިނާމުތަކަކާ އެކު ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވާން އެދޭ ރަށްރަށުގެ ކައުންސިލްތަކަށް ފުރުޞަތު ހުޅުވާލާފައިވަނީ 2026 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށެވެ.

އިހަވަންދޫ ކައުންސިލުން ބުނި ގޮތުގައި މިއީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނުވެރިކަން ކުރިއެރުވުމުގެ މަޤްޞަދުގައި އެ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ޑިސެންބަރު 24 އިން 27 ގެ ނިޔަލަށް އިހަވަންދޫގައެވެ.

މި މުބާރާތުގައި އެ އަތޮޅުގެ ކޮންމެ ރަށަކުން ވެސް ގިނަވެގެން ބައިވެރިވެވޭނީ 10 ބައިވެރިންނަށެވެ. އަދި މުބާރާތުގައި ވާދަކުރުމަށް އެހެން ރަށްރަށުން ބައިވެރިވާ ފަރާތްތަކުގެ ކެއުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނީ އިހަވަންދޫ ކައުންސިލުން ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ ތިން ރައުންޑަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ރައުންޑާއި ދެވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑްތަކެކެވެ. ދެވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކްސް ހޯދާ 10 ބައިވެރިންނެވެ. އަދި ތިންވަނަ ރައުންޑް ނުވަތަ ފައިނަލް ރައުންޑުގައި ވާދަކުރާނީ ދެވަނަ ރައުންޑުން އެންމެ މަތީ މާކްސް ހޯދާ ފަސް ބައިވެރިންނެވެ.

މި މުބާރާތުން ވަނަވަނައަށް އަންނަ ރަށްތަކަށާއި ވަކިވަކި ބައިވެރިންނަށް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނަ ހޯދާ ރަށަކަށް 10،000 ރުފިޔާ، ދެވަނަ ރަށަކަށް 7،000 ރުފިޔާ އަދި ތިންވަނަ ރަށަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވަކިވަކި ބައިވެރިންގެ ބައިން މުޅި މުބާރާތުގެ އެއްވަނަ ހޯދާ ބައިވެރިޔާއަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. އަދި ދެވަނަ ބައިވެރިޔާއަށް 6،000 ރުފިޔާ ލިބޭއިރު، ތިންވަނަ ބައިވެރިޔާއަށް ދިނުމަށް ހަމަޖެހިފައިވަނީ 3،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ރަށު ކައުންސިލްތަކުން، އިޢުލާނާއެކު އާންމުކޮށްފައިވާ ފޯމު ފުރިހަމަކުރުމަށްފަހު 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް އިހަވަންދޫ ކައުންސިލުން ވަނީ އެދިފައެވެ. މުބާރާތާ ގުޅޭ ޤަވާޢިދު ވެސް އިޢުލާނާއެކު މިހާރު ވަނީ ޢާންމުކޮށްފައެވެ.