ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިޖުތިމާއީ ޒިންމާގެ (ސީއެސްއާރު) ހަރަކާތްތަކުގެ ތެރެއިން މުޖުތަމައަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް "އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026" ގައި އެ ކުންފުންޏަށް "ކޯޕަރޭޓް ޗޭންޖްމޭކާސް އެވޯޑް" ލިބިއްޖެ އެވެ.
އުރީދޫން ފާހަގަކުރި ގޮތުގައި މި އެވޯޑަކީ ސިއްހީ ފަރުވާ ހޯދުމުގެ މަގު ފަހިކޮށްދިނުމަށާއި، އަސާސީ ބޭސްފަރުވާގެ ހިދުމަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެކެވެ. ހަމައެއާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި އެ ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި، ވަގުތުން ވަގުތަށް ސިއްހީ ފަރުވާ ލިބުމުގެ މުހިންމުކަން ދެނެގަނެ، ސިއްހީ ދާއިރާގެ މުހިންމު ބޭނުންތަކަށް އެހީތެރިވުމަށް ގިނަ ހަރަކާތްތަކެއް އުރީދޫން ވަނީ ފަށާފަ އެވެ. މިގޮތުން، އެއާ އެމްބިއުލާންސާއި ސީ އެމްބިއުލާންސްގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ރަށްރަށުގެ މުޖުތަމައުތަކަށް ކޮންމެހެން ބޭނުންވާ ހެލްތު ކިޓްތައް ބެހުން ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެ އެވެ. މިއީ މުޅި ރާއްޖޭގައި ސިއްހީ ފަރުވާ ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމަށް ވެދެވޭ މުހިންމު އެހީތެރިކަމެއް ކަމަށް ވެސް އުރީދޫން ފާހަގަކުރެ އެވެ.
އެ ކުންފުނީގެ ވަސީލަތްތަކާއި ގުޅުންތައް ބޭނުންކޮށްގެން މުޖުތަމައުގެ ބޭނުންތައް ފުއްދައިދީ، އަސާސީ ސިއްހީ ހިދުމަތްތަކަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އުރީދޫން ބުންޏެވެ. އަދި އަމާޒަކީ މުޅި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ދާއިމީ ހެޔޮ ބަދަލެއް ގެނައުން ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
މި އެވޯޑާ ގުޅޭގޮތުން އުރީދޫން ބުނީ، "ކޯޕަރޭޓް ޗޭންޖް މޭކާސް އެވޯޑުން ހާމަވެގެންދަނީ، ކުންފުނިތަކުގެ ޒިންމާއަކީ ހަމައެކަނި ވިޔަފާރީގެ މުއާމަލާތްތަކަށް ވުރެފުޅާ އެއްޗެއް ކަމަށާއި އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް އުރީދޫ މޯލްޑިވްސްއިން ގަބޫލުކުރާ ގަބޫލުކުރުމެވެ،" މިހެންނެވެ.
ދިވެހިންގެ "ޑިޖިޓަލް ދިރިއުޅުން" މުއްސަނދި ކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން، ހަމައެކަނި މުވާސަލާތީ ގުޅުން ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި ސީއެސްއާރު ހަރަކާތްތަކަށް އިންވެސްޓް ކުރުމުގައި ދެމިއޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން ސިއްހީ ދާއިރާ އާއި ތައުލީމާއި ޑިޖިޓަލް ބައިވެރިވުން އިތުރުކުރުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން މުޖުތަމައުގެ ތަރައްގީއަށް އުރީދޫން ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެ ކުންފުނީގެ މަގުސަދަކީ ރާއްޖެއަށް ފައިދާ ހުރި ފުރުސަތުތަކެއް ތަނަވަސްކޮށްދީ، އެންމެން ޝާމިލުވާ، ވިލުންތެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކޮށްދިނުމެވެ.
އުރީދޫން އިތުރަށް ބުނީ މި ލިބުނު ޝަރަފުގެ ސަބަބުން، ޒިންމާދާރު ކުންފުންޏެއްގެ ގޮތުގައި އަދި ގައުމީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮވެ، ހިދުމަތް ފޯރުކޮށްދޭ މުޖުތަމައުތަކަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ކަނޑައަޅާފައިވާ އަޒުމު އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!