ކައިވެންޏަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖެއަށް ޗުއްޓީއަށް އައި އިނގިރޭސިވިލާތުގެ އަންހެނަކު، އުމުރުގެ އެންމެ ބޮޑު ހުވަފެން ކަމަށްވާ ވެލާތަކާ އެކު ފަތަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވެއްޖެއެވެ.

ދެ ކުދިންގެ މަންމައެއް ކަމަށްވާ ޕެމެލާ ޑޭވިސް މަރުވީ ގޮނޑުދޮށާ ވަރަށް ކައިރީގައި ސްނޯކަލް ކުރަން އުޅުމުގެ ތެރޭގައި ކަމަށް އޭނާގެ ފިރިމީހާ އާއި ހަވާލާދީ އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

Ad
rt

އެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ދެކުނު ވޭލްސްގެ ޕެމްބްރޯކްޝަޔާގެ ޓެންބީ ސަރަހައްދަށް ނިސްބަތްވާ ޕެމެލާ އާއި އޭނާގެ ފިރިމީހާ މާޓިން ޑޭވިސް ރާއްޖެ އައީ މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ފާހަގަކުރަން އޮތް އެ ދެމަފިރިންގެ 30 ވަނަ ކައިވެނީގެ އަހަރީ ދުވަސް ފާހަގަކުރުމަށެވެ. ނަމަވެސް، އަހަރީ ދުވަހުގެ ހަތަރު ދުވަސް ކުރިން ޕެމެލާ ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ.

މި ހާދިސާއާ ގުޅިގެން ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ފިރިމީހާ މާޓިން ބުނީ، އޭނާއަށް ގެއްލިގެން އެ ދިޔައީ ކޮންމެ ފިރިއަކު ވެސް އެދޭނެ އެންމެ ފުރިހަމަ އަނބިމީހާ ކަމަށާއި އޭނާ ވާނީ އަބަދުވެސް އޭނާގެ ދިރިއުޅުމުގެ ހަގީގީ ލޯބި ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތު މޫސުން އޮތީ ވަރަށް ރީތިކޮށް ކަމަށާއި، އެއްވެސް ވަރަކަށް ރާޅެއް ނުވަތަ ވައި ބާރުވުމެއް ނެތި، ހޮޓަލުގެ ކުރިމަތީ އޮތް ގޮނޑުދޮށާ ވަރަށް ކައިރީގައި ދެމީހުން އެކުގައި ސްނޯކަލް ކުރަމުން ދިޔަ ކަމަށް އޭނާ ކިޔައިދިނެވެ. ޕެމެލާ އަބަދުވެސް އެންމެ ދެކެން ބޭނުންވި ހުވަފެނަކީ ވެލާތަކާ އެކު ފެތުން ކަމަށާއި، މި ހިތާމަވެރި ހާދިސާ ހިނގީ ގޮނޑުދޮށާ އަތުފަތަ އަޅާހާ ކައިރީގައި އެކަން ކުރަން އުޅެނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.

ޕެމެލާގެ މަރާ ގުޅިގެން އޭނާގެ ދަރިފުޅު ލޮއިޑް ޑޭވިސް ސޯޝަލް މީޑިއާގައި ބުނީ، މި ހިތާމަ ބަޔާންކުރާނެ އިބާރާތެއް ނޭނގޭ ކަމަށާއި މުޅި އުމުރުގައި ވެސް މަންމަ މަތިން ހަނދާންވާނެ ކަމަށެވެ. އަދި އޭނާގެ މަންމަގެ ހަށިގަނޑު އަނބުރާ އިނގިރޭސިވިލާތަށް ގެންދިއުމަށް ފަހު، މި އުނދަގޫ ދަނޑިވަޅުގައި އާއިލާއަށް ލިބެމުންދާ ލޯތްބާއި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށް ލޮއިޑް ބުންޏެވެ. މީގެއިތުރުން، ފިރިމީހާ މާޓިން ވެސް ވަނީ އޭނާއަށާއި ދެ ދަރިން ކަމަށްވާ ލޮއިޑް އަދި މޯގަންއަށް ލިބެމުންދާ ހިތްވަރަށްޓަކައި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ޕެމެލާއަކީ އޭނާ ދިރިއުޅުނު ޓެންބީ ސަރަހައްދުގެ ދަނޑުވެރިކަމާއި އަސް ގެންގުޅުމުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު، ގިނަ ބައެއްގެ މެދުގައި މަގުބޫލު މީހެކެވެ. މީގެއިތުރުން އޭނާ ވަނީ އެ ސަރަހައްދުގެ ޓޫރިސްޓް އިންފޮމޭޝަން ސެންޓަރުގައި މަސައްކަތް ކުރުމަށް ފަހު، "ދަ ޓެންބީ އޮބްޒާވަރ" ނޫހުގެ އިޝްތިހާރު ޑިޕާޓްމަންޓުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައެވެ. އެ ނޫހުގެ ޕޯލް އެވަންސް ބުނި ގޮތުގައި ޕެމެލާއަކީ އެ ނޫހުގެ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑު ލޯތްބާއި ގަދަރެއް ހޯދާފައިވާ މީހެކެވެ.

ރާއްޖޭގައި ހިނގި މި ހިތާމަވެރި ހާދިސާގައި ޕެމެލާ މަރުވި ސަބަބު ރަސްމީކޮށް ދެނެގަތުމަށްޓަކައި، އިނގިރޭސިވިލާތުގައި އޭނާގެ މަރުގެ ތަހުގީގެއް ނުވަތަ އިންކުއެސްޓެއް ހުޅުވުމަށް މިހާރު ވަނީ ހަމަޖެހިފައިކަމަށް އެ ނޫސްތަކުން ބުނެއެވެ.