ޤައުމުގެ ކަންކަން ހަރުދަނާގޮތުގައި ހިންގުމަށާއި، ދިމާވާ އެކި ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވުމަށްޓަކައި ޚާއްޞަ މަޖިލީހެއް އުފައްދަވައިފިއެވެ.
"ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި މި މަޖިލިސް އެކުލަވާލެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މިއަދު އުފެއްދެވި މި މަޖިލީހުގެ މައިގަނޑު ބޭނުމަކީ ޤައުމުގެ ކަންކަން ހަރުދަނާގޮތުގައި ކުރިއަށް ގެންދިއުމުގައްޔާއި، ސަރުކާރުގެ ކަންކަން ރަނގަޅުގޮތުގައި ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމެވެ. މީގެއިތުރުން ޤައުމަށް ދިމާވާ އެކިއެކި ކަންކަމާ ގުޅިގެން މަޝްވަރާ ހޯއްދަވަންޖެހޭ ޙާލަތްތަކުގައި ވެސް މި މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދެއްވާނެއެވެ. މި މަޖިލީހުގެ އެންމެ އިސްވެރިއެއްގެ ގޮތުން ރިޔާސަތު ބަލަހައްޓަވާނީ ވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވައި ޢިއްޒަތް ލިބިވަޑައިގެންފައިވާ 12 ބޭފުޅެކެވެ. މީގެ ތެރޭގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މއ. އާނުވެލި ޢަބްދުﷲ ކަމާލުއްދީނާއި، މ. ސިލްވަރކްލައުޑް ޢައްބާސް އިބްރާހީމާއި، މއ. އުރަހަ ޢަބްދުއްރަޝީދު ޙުސައިން އަދި މ. ލޮނުވެލި އަނީސާ އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.
ހަމައެއާއެކު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިންގެ ތެރެއިން މއ. ކިނބި ޑޮކްޓަރ މުޙައްމަދު ލަޠީފާއި، ހ. މީރުބަހުރުގޭއާގެ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވެސް ވަނީ މި މަޖިލީހަށް ޢައްޔަންކުރައްވާފައެވެ. އަދި ސަލާމަތީ ޚިދުމަތުގެ ދާއިރާއިން ނިޝާން ޢަސްކަރީގެ ވެރިޔާ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، ހ. ރާޅާހާ ވެސް މި މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މ. މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީއާއި، ހ. ހިކިފިނިފެންމާގެ އަޙްމަދު ނަސީމްގެ އިތުރުން ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތްތެރިން ވެސް މި މަޖިލީހުގައި ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނަކީ މއ. ވިލުވެލި ބަދުރުއްނަޞީރާއި، ހއ. އުތީމު އަލިމަސްގެ އާދަމް ޢަބްދުއްރަޙްމާނު އަދި މއ. ކަށިމާ އަލްއުސްތާޛު އަޙްމަދު ޝާކިރެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ މިފަދަ ޚާއްޞަ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން އެމަނިކުފާނު އެންމެ ފުރަތަމަ އިޢުލާން ކުރެއްވީ މިއަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ދުވަހު އިޢުލާން ކުރެއްވި ގޮތަށް، ދައުލަތުގެ ޢިއްޒަތްތެރިން ހިމަނުއްވައިގެން އެ މަޖިލިސް މިހާރު މިވަނީ ރަސްމީކޮށް އެކުލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!