އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އާޖެންޓީނާއިން ކަނޑައެޅި މައްސަލައިގެ ރައްދުގައި، އާޖެންޓީނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި އީރާނުން ބުދަ ދުވަހު ކަނޑައަޅައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ބުއެނޮސް އައިރިސްއިން އައިއާރްޖީސީއާ ދެކޮޅަށް އެޅި ފިޔަވަޅަށް ބަދަލުހިފުމުގެ ގޮތުންނެވެ.
އީރާނުގެ ދައުލަތުގެ އިރުނާ ނިއުސް އެޖެންސީން އާންމުކުރި ބަޔާނެއްގައި އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ، މި ނިންމުމަކީ އެއް ފަރާތުން އަޅާ ފިޔަވަޅަކަށް އެފަދަ ފިޔަވަޅަކުން ރައްދު ދިނުމުގެ އުސޫލުގެ ދަށުންނާއި، އައިއާރްޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އެމެރިކާއިން ކަނޑައެޅުމާ ގުޅިގެން 2019 ވަނަ އަހަރު އީރާނުން ފާސްކުރި ގާނޫނަކަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށެވެ.
އީރާނުގެ ސިފައިންގެ ރަސްމީ ގޮތްޕެއް ކަމަށްވާ އައިއާރްޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް އާޖެންޓީނާއިން ނިންމި ނިންމުމަކީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ދެކޮޅުވެރި އަމަލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ. އަދި އައިއާރްޖީސީއާ ދެކޮޅަށް ވޮޝިންޓަނުން އެޅި ފިޔަވަޅަށް ތާއީދުކުރާ ނުވަތަ އެކަމަށް އަމަލުކުރާ ގައުމުތަކާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ފިޔަވަޅު އެޅުމުގެ ބާރު 2019 ވަނަ އަހަރުގެ ގާނޫނުން ލިބިދޭ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންކަމުން، ތެހެރާނުން ވަނީ އާޖެންޓީނާގެ ކަނޑުގެ އަދި ވައިގެ ސިފައިންނަކީ އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ބައެއް ކަމަށް ބަލައި، އެ ދެ ބާރަކީ "ޓެރަރިސްޓް ޖަމާއަތްތައް" ކަމަށް އިއުލާނުކޮށްފައެވެ. މީގެއިތުރުން، މި ނިންމުމުގެ ސަބަބުން ކުރިމަތިވެދާނެ ކޮންމެ ނަތީޖާއެއްގެ ޒިންމާ އާޖެންޓީނާގެ ސަރުކާރުން އުފުލަންޖެހޭނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
އާޖެންޓީނާއިން އައިއާރްޖީސީއަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިއަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ގައުމުން އެ ފިޔަވަޅު އެޅީ 1990 ގެ އަހަރުތަކުގައި ބުއެނޮސް އައިރިސްގައި ދިން ނުރައްކާތެރި ބޮމުގެ ދެ ހަމަލާއެއްގައި އައިއާރްޖީސީގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށެވެ. އެހެންނަމަވެސް، އެ ހަމަލާތަކުގައި އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތުތައް އީރާނުން ވަނީ ދޮގުކޮށްފައެވެ.
މި ފިޔަވަޅަކީ މި މަހުގެ ކުރީކޮޅު އިނގިރޭސިވިލާތާ ދެކޮޅަށް އީރާނުން އެޅި ފިޔަވަޅާ އެއްގޮތް ފިޔަވަޅެކެވެ. އައިއާރްޖީސީއާ ދެކޮޅަށް ލަންޑަނުން އެޅި ފިޔަވަޅުތަކުގެ ރައްދުގައި، ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އީރާނުން ވަނީ އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީއާއި ރޯޔަލް އެއާފޯސްއަކީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައި އަދި އެ ގައުމުގެ ފޮރިން އިންޓެލިޖެންސް އެޖެންސީ، އެމްއައި6 އަކީ "ދެކޮޅުވެރި ޖަމާއަތެއް" ކަމަށް ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!