މޫސުމީ ބަދަލުތަކާ ގުޅިގެން ވެފައިވާ ވައުދުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން އިހުތިރާމުކޮށް، ދުނިޔޭގެ މާލީ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށާއި ސިޔާސީ ވައުދުތައް އަމަލީ ގޮތުން ފެންނަ ނަތީޖާތަކަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުނިޔެއަށް ގޮވާލައްވައިފިއެވެ.
ރައީސް މިކަމަށް ގޮވާލެއްވީ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ސަމިޓް (ކޮޕް31) ގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުންނެވެ.
މޫސުމީ ކަންކަމުގައި އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށްޓަކައި މައިގަނޑު ތިން ކަމަކަށް އިސްކަންދެއްވުމަށް ރައީސްގެ ބަޔާނުގައި ވަނީ ހުށަހަޅުއްވާފައެވެ. އެއީ މާލީ އެހީތެރިކަމާއި، މާލީ ނިޒާމުގެ އިސްލާހާއި، ކަންކަން އަމަލީ ގޮތުން ތަންފީޒުކުރުމެވެ. މިގޮތުން މޫސުމީ މާލީ އެހީއަކީ އަލަށް ކަނޑައެޅޭ، އިތުރުކުރެވޭ، ކުރިއާލައި ލަފާކުރަން އެނގޭ އަދި ހިލޭ އެހީގެ ގޮތުގައި ދެވޭ ފައިސާއަށް ވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ގްރީން ކްލައިމެޓް ފަންޑަށް ފައިސާ އިތުރުކުރުމަށާއި، އެޑަޕްޓޭޝަން ފަންޑަށް އެކަށީގެންވާ ފައިސާ ހަމަޖެއްސުމުގެ އިތުރުން ލޮސް އެންޑް ޑެމޭޖް ފަންޑަށް ފުރިހަމައަށް ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ރައީސް ބާރުއެޅުއްވިއެވެ.
މޫސުމީ މައްސަލަތައް ކުރިމަތިވުމުގައި އެއްވެސް ދައުރެއް ނެތް ނާޒުކު ގައުމުތަކުން، އެ ކާރިސާތަކުން އަރައިގަތުމަށްޓަކައި ދަރަނިވެރިވާން ޖެހިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ތަހައްމަލުކުރަމުންދާ ނާޒުކު ހާލަތްތައް ރަނގަޅަށް ދެނެގަތުމަށްޓަކައި ބައިނަލްއަގުވާމީ މާލީ ނިޒާމަށް ބަދަލުތައް ގެންނަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން މޫސުމީ އިންވެސްޓްމަންޓްތައް ބަލާ މިންގަނޑުތައް އަލުން މުރާޖައާކޮށް، ވިލުންވެރިކަމަކީ މާލީ ބުރައެއްގެ ބަދަލުގައި އެންމެންގެ ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ލިބެންހުރި މާލީ އަދި އެހެނިހެން މަދު ވަސީލަތްތައް ރޭވުންތެރިކަމާއެކު ބޭނުންކޮށްގެން ކާބޯތަކެއްޗާއި ހަކަތަ އަދި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މޫސުމީ ފައިނޭންސް ހޯދުމުގެ ފުރުސަތުތައް ފުޅާކުރުމުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދަމުން އަންނަކަން ވެސް ފާހަގަކުރެއްވިއެވެ.
މިގޮތުން ގްރީން ކްލައިމެޓް ފަންޑުން ރާއްޖޭގެ ފުރަތަމަ 'ނޭޝަނަލް ޑައިރެކްޓް އެކްސެސް އެންޓިޓީ' ދާދިފަހުން އެކްރެޑިޓްކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މިއީ އޭޝިއާގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މިފަދަ ހުއްދައެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ މޫސުމީ ފައިސާ ހޯދައި، އެ ފައިސާ ހަމަހަމަކަމާއެކު ބޭނުންކުރުމަށް ރާއްޖޭގެ މުއައްސަސާތައް ތައްޔާރަށް އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ވައުދުތައް އަމަލީ ގޮތުން ތަންފީޒުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މޫސުމީ ލަނޑުދަނޑިތައް ވަޒަންކުރެވޭ ފަދަ ނަތީޖާތަކަކަށް ބަދަލުކުރުމަށްޓަކައި އެކަށީގެންވާ މާލީ އެހީއާއި، ޓެކްނޮލޮޖީ ބަދަލުކުރުމުގެ އިތުރުން ސިޔާސީ އަޒުމު ވަރަށް މުހިންމު ކަމަށެވެ. މީގެއިތުރުން ކުދި ޖަޒީރާ ގައުމުތަކަށް އެ ގައުމުތަކުގެ އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ ބާރު ލިބިދޭނެ ދުނިޔޭގެ ނިޒާމެއް ގާއިމުކުރުމަށް ވެސް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމަވާލެއްވީ އިންސާފާއި ޒިންމާދާރުކަން އިސްކޮށް، އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔެއަށް ގޮވާލައްވަމުންނެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ވެފައިވާ އިގުރާރުތަކާއި ވައުދުތައް ފުއްދައިދީގެން، ގިނަ ގައުމުތައް އެކުވެގެން އުފައްދާފައިވާ ނިޒާމުތަކުން މާނަހުރި ނަތީޖާއެއް ނެރެދެވިދާނެކަން ކޮޕް31 އިން ދައްކުވައިދިނުމަށް ވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!