ސާފު ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު އެހީތެރިކަން ބޭނުންވާ ކަމަށާއި، ޚާއްޞަކޮށް ލުއި މާލީ އެހީއާއި ޓެކްނޮލޮޖީގެ ފުރުސަތުތައް އަދި ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ގެ ލީޑަރުންގެ ސަމިޓުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޑައިލޮގް އޮން ކްލީން އެނާޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން: 35 ބައި 35: ޕަވަރިން ދަ ފިއުޗަރ" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސާފު ހަކަތައަށް ބަދަލުވުމަކީ ހަމައެކަނި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޤައުމުގެ އިޤްތިޞާދު ހިމާޔަތްކުރުމުގެ އިތުރުން މެދުކެނޑުމެއްނެތި އިތުބާރުހުރި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް ވެސް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ބޭރުން އެތެރެކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޤައުމަކަށް ވާތީ، އެ ބަރޯސާވުން ކުޑަކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ އެއްޗަކަށް ހެދުމަށް 2023 ވަނަ އަހަރު ކަނޑައަޅާފައިވާ އަމާޒަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ އަމާޒަށް ވާސިލްވުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާ ކަމަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ރަށްރަށުގައި އެ ހަކަތަ ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް މަގުފަހިކުރުމުގެ ގޮތުން ހަކަތަ ރައްކާކުރާ ނިޒާމުތައް (އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް) ޤާއިމުކުރުމަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ރަށްތައް ޖިއޮގްރަފީ ގޮތުން ވަކިވަކިން އުފެދިފައި އޮތުމުގެ ސަބަބުން، ހަކަތައިގެ އިންފްރާސްޓްރަކްޗާ ތަރައްޤީކުރުމަށާއި އެ ވަސީލަތްތައް ބެލެހެއްޓުމަށް ހިނގާ ޚަރަދު އިންތިހާއަށް ބޮޑުވެގެންދާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ރާއްޖެއިން ވަނީ "މޯލްޑިވްސް އެނާޖީ ސެކްޓަރ ރޯޑްމެޕް 2024-2033" އެކުލަވާލައި އިފްތިތާޙުކޮށްފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި ރޯޑްމެޕަކީ ތެލަށް ބަރޯސާވެފައިވާ ނިޒާމުތަކުން ދުރުވެ، ދެމެހެއްޓެނިވި، ޚަރަދު ކުޑަ އަދި ވިލުންވެރި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކަށް ބަދަލުވުމަށް އެކުލަވާލާފައިވާ ހަރުދަނާ އޮނިގަނޑެކެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ސާފު ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވާނީ ވެފައިވާ ވަޢުދުތައް އަމަލީ ގޮތުން ތަންފީޒުކޮށްގެން ކަމަށެވެ. އަދި ސާފު، ވިލުންވެރި ހަކަތައިގެ މުސްތަޤުބަލެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، މި އަމާޒަށް ވާސިލްވުމަށް ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.