ގޭބިސީތަކުން އުކާލަން ނެރޭ ބަދިގޭ ޑަސްބިނަށް އެހެން ބާވަތްތަކުގެ ކުނި އެއްކޮށްފައި ހުންނަ ނަމަ، އެފަދަ ގެތަކުން ކުނި ނުނެގުމަށް ށ. މިލަންދޫ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން މިލަންދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ގޭބިސީތަކުން ކުނި ނެރޭއިރު ކުނިވާ ޒާތުގެ ކުނީގެ ތެރެއަށް އެހެން އެއްވެސް ބާވަތެއްގެ ކުނި އެއްކޮށްފައި ހުރެގެން ނުވާނެ ކަމަށެވެ.
އެގޮތުން ބަދިގޭ ޑަސްބިނަށް ދަޅާއި ފުޅި، ޕްލާސްޓިކް ޕެކެޓާއި ކޮތަޅު އަދި ކަރުދާސް ފަދަ އެހެން ބާވަތްތަކުގެ ކުނި އަޅާފައި ހުންނަ ނަމަ، 20 ނޮވެމްބަރު 2026 އިން ފެށިގެން އެ ގޭބިސީއަކުން ކުނި ނުނަގާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅަން ނިންމީ، އެ ރަށުގައި ކުނި މެނޭޖުކުރުމަށް އެކުލަވާލައި މިހާރު ވެސް ޢަމަލުކުރަމުން އަންނަ އުޞޫލު އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައެވެ.
މީގެއިތުރުން، ގޭބިސީތަކުން ކުނި ނެރޭއިރު ކުނިވާ ޒާތުގެ ކުނީގެ ތެރެއަށް އެހެނިހެން ބާވަތްތަކުގެ ކުނި އެއްކޮށްފައި ހުރުމުގެ ސަބަބުން ތިމާވެށީގެ ގޮތުން އެކި ކަހަލަ ގެއްލުންތައް ލިބެމުންދާކަން ވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އަދި މިފަދައިން ބަދިގޭ ކުންޏާއި އެހެނިހެން ކުނި އެއްކޮށް ހުރުމަކީ ޞިއްޙީ ގޮތުން ވެސް ތަފާތު އެކި ގެއްލުންތައް ކުރިމަތިވަމުންދާ ކަމެއް ކަމަށް މިލަންދޫ ކައުންސިލުގެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!