ހދ. ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި "ޕްރޮގްރެސް ޓު އަ ޤުރްއާނިކް ލައިފްސްޓައިލް" ގުޅިގެން ޚާއްސަ އޮންލައިން ވެބިނާރއެއް ބޭއްވުމަށް ނިންމައިފިއެވެ.
ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، "ޤުރްއާން ތިލާވަތު ވަ ތަޖުވީދު ވެބިނަރ 2026" ގެ ނަމުގައި ކުރިއަށްގެންދާ މި ވެބިނާރ ކުރިއަށްދާނީ 15 ނޮވެމްބަރުން ފެށިގެން 21 ނޮވެމްބަރުގެ ނިޔަލަށެވެ. ހަތް ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ ސެޝަންތައް އޮންނާނީ ކޮންމެ ރެއަކުވެސް 7:45 އިން 9:45 އަށެވެ.
މި ވެބިނާރ އަމާޒުކޮށްފައިވަނީ ކީރިތި ޤުރުއާނަށް ޝައުޤުވެރިކަން ހުންނަ، އުމުރުން 13 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ބައިވެރިންނަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން 150 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އެ ފީ ދައްކަން ޖެހެނީ ވެބިނާރ ހިންގާ ފަރާތަށެވެ.
މުޅި ވެބިނާރގެ ޖުމްލަ ވަގުތަކީ 14 ގަޑިއިރެވެ. ވެބިނާރގެ މި ވަގުތު ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށްވެސް، ވެބިނާރ ފުރިހަމަކުރިކަމުގެ ރަސްމީ ސެޓްފިކެޓު ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، 14 ގަޑިއިރު ހަމަކުރާ ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ވައިކަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކޮންމެ ބައިވެރިއަކަށް 100 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ވެބިނާރގައި މައިގަނޑު ގޮތެއްގައި އުނގަންނައިދިނުމަށް ހަމަޖެހިފައިވަނީ ޤުރުއާން ތަޖުވީދުގެ ޢާއްމު އެންމެހާ ޙުކުމްތަކާއި، ޤިރާއަތްތަކާއި މަޤާމާތުތަކެވެ. އަދި ތިލާވާ ކުރުމުގައި ގެންގުޅެންޖެހޭ މުހިންމު އުސްލޫބުތަކާއި، ޤުރުއާން ހިތުދަސްކުރުމަށް (ހިފްޒުކުރުމަށް) ބާރުއެޅުމުގެ ގޮތުން ހަރުދަނާ އުސޫލުތަކާއި މަގުތައް ބަޔާންކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ރިވާޔާ ހަފްޞް ޢަން ޢާޞިމްގެ ޝާތްބީ ތަރީޤުގެ މުހިންމު އެންމެހާ ޙުކުމްތަކާއި، ޤުރުއާން ތަދައްބުރުކުރުމާއި ޤުރުއާނުގެ ޢިލްމަށް ސަމާލުކަންދޭނެ ގޮތްތައްވެސް އުނގަންނައިދެވޭނެއެވެ.
ވެބިނާރ ކުރިއަށްދާ 14 ގަޑިއިރުގެ ތެރޭގައި ރާވާލައިގެން ގިނަ ބައިތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާތީ، ލައިވް ސެޝަންތަކުގައި ވަކިވަކިން އެއްވެސް ބައިވެރިޔަކަށް ޤުރުއާން ކިޔެވުމުގެ ފުރުސަތެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި، ވެބިނާރ ނިމުމުން ކޮންމެ ބައިވެރިއަކުވެސް އެ ބައިވެރިއެއްގެ ޤުރުއާން ކިޔެވުމުގެ ރިކޯޑިންއެއް ފޮނުވަން ޖެހޭނެ ކަމަށާއި، ވަކިވަކި ކިޔެވުންތަކަށް ބިނާކުރަނިވި ފީޑްބެކް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ 5 ނޮވެމްބަރުން ފެށިގެން 12 ނޮވެމްބަރުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އެ މުއްދަތުގެ ކުރިން، ކަނޑައެޅިފައިވާ ޚާއްސަ ގޫގުލް ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ވައިކަރަދޫ ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!