ހއ. ތުރާކުނު ސްކޫލާއި އެރަށު ކައުންސިލުން ގުޅިގެން އެރަށު ސްކޫލްގެ ޕްލޭގްރައުންޑް ހިޔާ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް "ތިލަދުން " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިމަސައްކަތް ނިންމާލާފައިވާ މިވަނީ 2 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި މިމަސައްކަތުގައި އެރަށު ޕޮލިސް ޑެސްކާއި އާއްމު ފަރުދުންގެ އެހީތެރިކަން ލިބިފައިވާކަން ލަތީފް ފާހަގަ ކުރެއްވިއެވެ.
50 ފޫޓް 35 ފޫޓްގެ މި ޕްލޭގްރާއުންޑް ގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ޕްލޭގްރައުންޑަށް އެކުއިޕްމެންޓް މިހާރު ލިބިފައިވާ ކަމަށާއި ކުރިއަށް ދެން އޮތީ ކާޕެޓް އެޅުމުގެ މަސައްކަތް ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.
2 ހަފްތާގެ ތެރޭގައި ކާޕެޓް ގެނައުމަށް ހަމަޖެހިފައި ވާއިރު އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން މިހާރު ވަނީ އިއުލާންވެސް ކޮށްފައެވެ.
މިމަސައްކަތަށް އެކައުންސިލްގެ ފަރާތުން -/50000 (ފަންސާސް ހާސް ރުފިޔާ) ވަނީ ހޭދަކޮށްފައެވެ.
މީގެ އިތުރުން މި މަސައްކަތުގައި އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އާއްމު ފަރުދުންނާއި ޕޮލިސް ޑެސްކަށް އެކައުންސިލުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަށުގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ރައްޔިތުންނާއި ރަށުގެ މުއައްސަސާތަކުގެ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!