މި ސަރުކާރަކީ ވަކި ރަށެއް ވަކި ފިކުރެއް ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް އެހީތެރިވެދެއްވާ ސަރުކާރެއް ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް، އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވެފައި ވަނީ ހެލްތް މިނިސްޓްރީއިން އެރަށަށް ފޮނުވި އެމްބިއުލެންސް މިއަދު އެރަށަށް ލިބުމާއި ގުޅިގެން އެކަން ފާހަގަ ކުރަށްވާ ދެއްކެވި ވާހަކައިގައެވެ.
އަމީން ވިދާޅުވީ، މި ސަރުކާރުން ތަރައްގީ ގެނެސްދެއްވައި، މަޝްރޫޢުތައް ހިންގުމުގައި ވަކި ރަށެއް، ވަކި ދާއިރާއެއް ތަފާތުކޮށްފައި ނުވާކަމަށެވެ. އަދި ސިޔާސީ ފިކުރު ހުރިގޮތަށް ބަަލައި އެއްވެސް ތަފާތެއް ނުކުރާކަމަށް އަމީން ވިދާޅުވިއެވެ. އެކަމަށްޓަކައި ރައީސް ޞާލިޙަށް އަމީން ވަނީ ޝުކުރު ދަންނަވާފައެވެ.
މީގެއިތުރުން އަމީން ވަނީ މި ސަރުކާރުން ކުމުންދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 8 ގަޑިއިރުން 16 ގަޑިއިރަށް ބަދަލުކޮށް ދެއްވާފައިވާކަން ފާހަގަ ކުރަށްވާފައެވެ. އަދި ކުމުންދޫ ސިއްހީ މަރުކަޒުގެ މަރާމާތުގެ ބޮޑު މަޝްރޫޢު މިހާރު ފެށިފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މިކަންކަމާއެކު ކުމުންދޫއަށް ޒަމާނީ އެމްބިއުލާންސެއް ލިބިގެންދިޔަކަން ފާހަގަކޮށް، އަމީން ވަނީ ހެލްތް މިނިސްޓަރު އަޙްމަދު ނަސީމްގެ އިތުރުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއަށް ޝުކުރު ދަންނަވާފައެވެ.
ސަރުކާރުން މިފަހަރު އެމްބިއުލަންސް ފޮނުވި ރަށްތަކުގެ ތެރޭގައި ތިލަދުން މަތިން ކުމުންދޫގެ އިތުރުން ހިމެނެނީ ށ. ބިލެތްފަހި އަދި ނަރުދޫއެވެ.
މީގެއިތުރުން އެމްބިއުލާންސް ފޮނުވި ރަށްތަކަކީ، ނ. ފޮއްދޫ، ނ. ކުޑަފަރި، ބ. ކެންދޫ، އއ. މަތިވެރި، އދ. މަންދޫ، އދ. ފެންފުށި، ފ. ފީއަލި، މ. ކޮޅުފުށި، ތ. ވަންދޫ، ތ. ބުރިނި، ތ. ދިޔަމިގިލި، ލ. ކުނަހަންދޫ، ގއ. ކޮލަމާފުށި، ގއ. ނިލަންދޫ، ގދ. ރަތަފަންދޫ، އއ. ބޮޑުފޮޅުދޫ އަދި މ. ދިއްގަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!