ފޯނުން ގުޅައިގެން އޮޅުވާލައި، މަކަރާއި ހީލަތް ހަދައިގެން 60 ހާހަށްވުރެ ގިނަ ރުފިޔާ އަތުލިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ޢިއުލާން ކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި މައްސަލާގެ ތުހުމަތުގައި ހޯދަން ޢިއުލާން ކޮށްފައި ވަނީ ހއ. ބާރަށް، ކޭސީވިލާ، އުމުރުން 36 އަހަރުގެ އިބްރާހީމް ރަޝީދު އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް އިބްރާހީމް ރަޝީދު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިއެއް ނުވެއެވެ.
އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް އޭނާ ހާޒިރުވުމަށް އަންގާ ޢިއުލާން ކުރާކަމަށް ފުލުހުން ވިދާޅުވެއެވެ.
އިބްރާހީމް ރަޝީދު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިއަހަރުގެ ޖޫން 05 ވަނަ ދުވަހުގެ ވަގުތެއްގައި 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186/68ރ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އެހެންކަމުން، ފުލުހުން ވަނީ މަ މަހުގެ 8 ވަނަ ދުވަހުގެ 16:00 އަށް، މާލޭ ސިޓީގެ ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް އޭނާ ހާޒިރުވާން އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!