ޔޫތު މިނިސްޓްރީން ހިންގާ ކުދި މަޝްރޫޢުތައް ގަނޑުކޮށް ޓެންޑާ ނުކޮށް، ކައުންސިލްތަކާއި ހަވާލުކުރާނަމަ ނަތީޖާ ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ، މަކުނުދޫ ދާއިރާގެ ރަށްތަކުގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް ކުރިއަށްދާ ބާރުމިނާމެދު ކަންބޮޑުވުން ފާޅުކޮށް އެ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކުރެއްވި ޓްވީޓަކަށް ޚިޔާލް ފާޅު ކުރައްވަމުން ނެވެ.

Ad
rt

މެންބަރު ރާޢީ ވިދާޅުވެފައި ވަނީ، ކުމުންދޫ އަދި ނޭކުރަންދޫގައި ޔޫތު މިނިސްޓްރީން އެޅުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށާއި، އަދި މަކުނުދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމުވެގެން ދިއުމަކީ ދިގުލައިގެން ދިޔަ އުއްމީދެއް ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ނޭކުރަންދޫގައި ބޮޑު ޓާފް ދަނޑުގެ ދެވަނަ ފޭސްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރަތަމަ ސަބްބޭސްގެ މަސައްކަތް ނިމިގެން ދިއުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވެފަ ވެއެވެ.

ރާޢީގެ މި ޓްވީޓަށް ޚިޔާލް ފާޅުކުރައްވަމުން އަމީން ވިދާޅުވީ، ޔޫތު މިނިސްޓްރީއިން މަޝްރޫޢުތައް ޓެންޑާ ކުރަމުން ގެންދަނީ ގަނޑުކޮށް ކަމަށެވެ. އޭގެ ބަދަލުގައި ކުދި މަޝްރޫޢުތައް ކައުންސިލްތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދާނަމަ ނުކުންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް ފެންނަ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން މިގޮތަށް ވިދާޅުވެފައިވާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް އަމިއްލަ އަށް ހިންގަންވަނީ ފުރުޞަތު ލިބިދީފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއުއެއްގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.