ފުވައްމުލަކު ސިޓީގައި ކޯވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން ވެމްކޯއިން އެ ސިޓީގައި ދެމުން އަންނަ ހިދުމަތްތަކަށް ބަދަލުގެނެސްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން އެ ސިޓީގެ ގޭބިސީތަކުން ކުނި ނަގާނީ ހެނދުނު 9:00ން މެންދުރު 12:00އާ ދެމެދު ކަމަށެވެ. އެހެންކަމުން 9:00ޖަހާއިރު ޑަސްބިންތައް އާއްމުކޮށް ބަހައްޓާ ތަނުގައި ބެހެއްޓުމަށް ވަނީ އެދިފައެވެ.

Ad
rt

މި ހާލަތުގައި މޮނިޓަރިންއަށް ލާފައި ތިބި ގޭބިސީތަކުން ކުނި ނަގާނީ އެ ކުންފުނީގެ ސްޕެޝަލް ޓާސްކް ފޯސް އިންނެވެ. މި ގޭބިސީތަކުން ލީކު ނުވާނެހެން ދެ ކޮތަޅަށް ލައި ކުނި ބަންދުކުރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

މާދަމާއިން ފެށިގެން ވެމްކޯގެ ފުވައްމުލަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެދުނު 9:00ން 12:00އަށް އަދި މެންދުރު 1:00ން 3:00އަށެވެ.

ހުކުރު ދުވަހު އެ ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00ން މެންދުރު 12:00އަށެވެ. މި މުއްދަތުގައި އެ ކުންފުނީގެ ފްރޮންޓް އޮފީސް ބަންދުވާނެއެވެ.

ވެމްކޯއިން ބުނީ މި ބަދަލު ގެނައީ އެ ސިޓީގައި ކޯވިޑް ފެތުރޭތީ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކން ކަށަވަރު ކުރުމަށް ކަމަށެވެ.

އަދި މީގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.