އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާއި ގުޅިގެން، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ހަރަކާތަކީ، ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ރާއްޖޭއަށް މި ދަނޑިވަޅުގައި ކުރިމަތިވެފަ ކޯވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުން މިޙަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފަ ވަނީ ގޭތަކުގެ ބެލްކަނީގައި ތިބެގެންނެވެ.

Ad
rt

މިޙަރަކާތް ރާވާ އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، މިޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން އެމީހަކު ދިރިއުޅޭ ގެއެއްގެ ބެލްކަންޏަށް ނިކުމެ ފަލަޞްތީނުގެ ދިދަ އަދި ދިވެހި ޤައުމީ ދިދަ ވިހުރާލުމުން އެހަރަކާތުގައި ބައިވެރިވެވުނީއެވެ.

ދިވެހިރާއްޖެ ފަލަސްޠީނާއެކު އިވެންޓް ކުރިއަށް ގެންދަން ނިންމާފަ ވަނީ އަންނަ އަންގާރަ ދުވަހުގެ 16:00 އިން 18:00 އަށެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނާއި އާންމުންގެ ގެދޮރަށާއި މަދަނީ ތަންތަނަށް ދޭ ސްޓޭޓް ޓެރަރިޒަމްގެ ޙަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ސިފަކޮށް އިސްރާއީލުގެ ހަރުކަށި ވެރިން ބައިނަލްއަގްވާމީ އާދާލަތަށް ހާޒިރު ކުރުމަށް ގޮވާލައި ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން މުޒާހަރާކުރި ގައުމުތަކުގެ ތެރޭގައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިތުރުން ކެނެޑާ، އެމެރިކާ، ލެޓިން އެމެރިކާގެ ގައުމުތަކާއި ޔޫރަޕްގެ ގައުމުތައް ހިމެނެ އެވެ.

މުޒާހަރާކުރި ގައުމުތަކުގެ ތެރެއިން އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކަކީ އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ހިއްވަރުދީ އަދި އިސްރާއީލުގެ ލާއިންސާނީ އަމަލުތަކަށް އެގައުމުތަކުގެ ސަރުކާރުތަކުން ތާއީދުކުރާ ގައުމުތަކެވެ.