ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ތެޔޮ ޕްރޮސެސްކުރާ މުހިންމު ދެ ތަނަކަށް ޑްރޯން ހަމަލާހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ޑްރޯން ހަމަލާދީފައި ވަނީ އަބްގައިގުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޕްރޮސެސިން ޕްލާންޓަށާއި ސައުދީގެ ދެ ވަނަ އަށް އެންމެ ބޮޑު އޮއިލް ފީލްޑް އޮންނަ ޚުރައިސްއަށެވެ.
މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނާޒުކު ތަންތަނަށް ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން އެތަކެއް އާންމު ރައްޔިތުންނެއް ނުރައްކަލުގެ ތެރެއަށް ވެއްޓޭކަމަށެވެ. އަދި ސައުދީގެ ސެކިއުރިޓީއަށް މީގެ ސަބަބުން އަސަރުކޮށް މުޅި ސަރަހައްދުގެ ހަމަޖެހުން ގެއްލި، ނުތަނަވަސްކަން އިތުރުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މިފަދަ ފިނޑި ޓެރެރިޒަމްގެ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ހަމަޖެހުން ގާއިމް ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވަމީ ފަރާތްތަކަށް ނުރަނގަޅު އަސަރުކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރުން މިތިބީ ސައުދީ ރައްޔިތުންނާއި ސަރުކާރައެކު ކަމަށާއި ޓެރެރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ސައުދީއަށް އެއްބާރުލުން ކުރިއެކޭވެސް އެއްގޮތަށް ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ޑްރޯން ހަމަލާ ދިން ކަމަށް ތުހުމަތުކޮށްފައި ވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށެވެ. ނަމަވެސް ހަމަލާގެ ޒިންމާ އުފުލަން ޖެހޭ މީހުން ސައުދީ މީޑިއާ އިން ރަސްމީކޮށް ބުނެފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!