ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެ ގިނަ ދުވަސްވެފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އެދިލެއްވުމަށް މި މަސައްކަތް ކޮށްދޭނެ ދިވެހި ފަރާތްތައް ހޯދަން މިއަދު ފިނޭންސް އިން އިއުލާން ކޮށްފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެއެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ފީ ބަލައިގަތުން ކުރިއަށްދާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 12:00 އަށް އެމިނިސްޓްރީގައިކަމަށެވެ.
މާދަމާއިން ފެށިގެން، މި މަސައްކަތާ ބެހޭ ލިޔުންތަކުގެ ސޮފްޓް ކޮޕީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެފައިވާއިރު، ބީލަމާ ގުޅިގެން އާއްމުކުރެވޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ ބީލަމުގައި ބައިވެރިވާ ފަރާތުގެ ޒިންމާއެއްކަމަށްވެސް ބުނެފައިވެއެވެ.
އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހެވެ.
މި މަސައްކަތާ ގުޅިގެން ހުށަހަޅާ ބީލަންތައް ހުޅުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
ރާއްޖޭގެ ރަށްރަށުގައި ޖަމާވެ، ގިނަ ދުވަސްވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް، މިދިޔަ ހަފްތާގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!