ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔައީ ވެސް. އަދި އިންތިޚާބުގެ ކުރިން އެންމެ ގިނަ ގޮނޑި ކަށަވަރު ވީވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަރައްޤީކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ޖުމްލަ 308 ކެނޑިޑޭޓުންނެއް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކުރިމަތިލި ކެނޑިޑޭޓުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ޕާޓީން ވާދަކުރި 50 ކެނޑިޑޭޓަކު ވަނީ ނަންނަގާފައެވެ. ދެން އެންމެ ގިނައިން ނަން ނަގާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. އެޕާޓިން ވާދަކުރަން ކުރިމަތިލި 31 ކެނޑިޑޭޓަކު ވަނީ ނަން ނަގާފައެވެ. ޖުމްހޫރީ ޕާޓީން ވާދަކުރަން ހުށައެޅި 12 ކެނޑިޑޭޓަކާއި އަދާލަތު ޕާޓީން ވާދަކުރަން ނިންމި 1 ކެނޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ނަގާފައެވެ.
ގިނަ އަދަދެއްގެ ކެނޑިޑޭޓުން ނަން ނެގުމުން ކައުންސިލް އިންތިޚާބުގެ 10 މަގާމަކަށް 15 ކައުންސިލަރުން ހޮވިފައިވާކަމަށް ޝަރީފު ވިދާޅުވިއިރު، މީގެތެރެއިން 8 ގޮނޑި އެމްޑީޕީއަށް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި 7 ކެނޑިޑޭޓުން ގޮނޑި ކަށަވަރުކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 2433 ކެނޑިޑޭޓުން ކުރިމަތިލީ ނަމަވެސް ނަން އަނބުރާ ނެގުމުން ދެން އިންތިހާބުގައި ވާދަކުރާނީ 2264 ކެނޑިޑޭޓުންކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ދެއްވި އިތުރު ބައެއް މައުލޫމާތަށް ބަލާއިރު، ރިސޯޓުތަކުގައި އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމުގައި، ވޯޓުލާން ވަކި އަދަދަކަށް މީހުން ރަޖިސްޓާވާން ނުޖެހޭނެކަމަށާއި، ރިސޯޓެއްގައި ރިސޯޓުން ބޭނުންވާނަމަ ކިތަންމެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުން މަދުވިޔަސް ވޯޓު ފޮށްޓެއް ބަހައްޓައިދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓޭނެ ކަމުގެ ޔަގީންކަން އެއްވެސް ގައުމަކުން އަދި ލިބިފައި ނުވާއިރު، މެލޭޝިޔާ އާއި އިނގެރޭސިވިލާތުގައި ވޯޓު ފޮށި ނުބެހެއްޓޭނެކަން ޔަގީންވެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން އީސީން ތާވަލުކޮށްފައި ވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!