5. ޞަޙާބީންނާއި މާތް ސަލަފުން ކީރިތި ޤުރްއާނާ ދެމެދު ޢަމަލުކުރެއްވި ގޮތާއި، އެބޭބޭކަލުންގެ ޙަޔާތް، ޤުރްއާނާ ގުޅިފައިވީ މިންވަރު އަންގައިދޭ ވާހަކަތައް ކިޔައި، ކުދިންނަށް އެފަދަ ވާހަކަތަށް ކިޔައި ދޭށެވެ.

އެކުދިން މިޘާލެއްގެ ގޮތުގައި ބަލަންވީ، އުންމަތުގެ އެންމެ މާތް ބޭބޭކަލުން ކީރިތި ޤުރްއާނާއެކީގައި އުޅުއްވިގޮތް އެނގުމަކީ އެކުދިންވެސް އެފަދަ ބަޔަކަށް ވުމަށް އަދި އެފަދައިން ޤުރްއާނާމެދު ޢަމަލުކުރުމަށް ލިބޭނެ ހިތްވަރަކަށް ވާނެއެވެ. އަލީ ރަޟިޔަﷲ ޢަންހުގެ ދަރިކަލުން ޙަސަން ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ:

Ad
rt

"ހަމަކަށަވަރުން ތިޔަބައި މީހުންގެ ކުރިން އުޅުނު މީސްތަކުން ޤުރްއާނާމެދު ދެކުނީ އެބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުން (އެބައިމީހުންނަށް) ފޮނުއްވުނު މެސެޖުތަކެއް ގޮތުގައެވެ. ފަހެ ރޭގަނޑުގެ ވަގުތުގައި އެބައިމީހުން އެޤުރްއާނުގެ އާޔަތްތަކާމެދު ވިސްނައި ފިކުރުކޮށް ތަދައްބުރު ކުރެއެވެ. އަދި ދުވާލު ވަގުތު އެބައިމީހުން އެކަމަށް (ރޭގަނޑު ތަދައްބުރު ކުރާ ވަގުތު އައުމަށް) އެދިއެދި ތިބެއެވެ. (1)

6. ޤުރްއާނުގައިވާ ވާހަކަތައް ކުދިންނަށް ކިޔައިދޭށެވެ. ކީރިތި ޤުރްއާނަކީ ވަރަށް ފުރިހަމަ، ޝާމިލު ފޮތެކެވެ. އެފޮތުގައި ޢަޤީދާ އާއި ފިޤުހުގެ ވާހަކަތަކުގެ އިތުރުން ޢިބުރަތްތެރި އަދި ޝައުޤުވެރި ވާހަކަތައްވެސް ވެއެވެ. މިފަދަ ވާހަކަތައް ޖަމާކުރެވި، ފޮތްފޮތުގައި ލިޔެވިފައި ވެއެވެ.

މިފަދަ ފޮތްތައް ހޯދައި، އެވާހަކަތައް ކިޔައި، ކުދިންނަށް އެވާހަކަތަށް ކިޔައިދޭށެވެ. ނުވަތަ އަމިއްލައަށް ކިޔަން ދަންނަ ކުދިންތަކެއްނަމަ، އެފަދަ ވާހަކަތަށް ކިޔުމަށް ކުދިން އަތަށް ފޮތްތައް ދޭށެވެ. އޭރުން إن شاء الله، ވަރަށް ޝައުޤުވެރިކަމާއެކު އެ ވާހަކަތައްކިޔާނެއެވެ. އަދި އޭގެ ސަބަބުން ޤުރްއާނުގެ ފުރިހަމަކަން އެނގި، އިތުރަށް ޤުރްއާން ކިޔާހިތްވެ، ޤުރްއާނަށް ހިތުގައި ލޯބި ޖެހިގެންދާނެއެވެ.

7. ދޭތެރެ ދޭތެރެއިން ގޭތެރޭގައި ޤުރްއާން މުބާރާތްތައް ބާއްވާށެވެ. މިދެންނެވީ ހަމައެކަނި ޤުރްއާން ކިޔެވުމުގެ މުބާރާތް ތަކުގެ ވާހަކައެއް ނޫނެވެ. ޤުރްއާނުގައިވާ މަޢުލޫމާތު ތަކުން އެކި ކަހަލަ ކުއިޒްތައް ބޭއްވުން ފަދަ ކަންކަންވެސް މެއެވެ. މިސާލަކަށް ޤުރްއާނުގައިވާ އެންމެ ދިގު ސޫރަތް، ޤުރްއާނުގައި "ދުވަސް" މިބަސް ވަނީ ކިތައް ފަހަރުކަން، ޤުރްއާނުގައިވާ ސަޖިދަ ވަޅުގެ ޢަދަދު....

މިފަދަ ޝައުޤުވެރި އެތައް ސުވާލެއް ހިމަނައިގެން މޮޅުވާ ފަރާތްތަކަށް އިނާމް ލިބޭނޭހެން ކުއިޒް މުބާރާތްތައް ބޭއްވުމަކީ ދަރިންގެ ހިތްތަކުގައި ޤުރްއާނަށް ޝައުޤުވެރިކަން އުފެއްދުމަށް ކުރެވިދާނެ ވަރަށްމުހިންމު އެހާމެ މަޖާވެސް ކަމެކެވެ. އަދި މިފަދަ ސުވާލު ތަކުން ޤުރްއާނަކީ މުޢުޖިޒާތެއްކަން ވެސް ކުދިންނަށް ދެނެގަންނަން ފަސޭހަ ވާނެއެވެ.

މިސާލަކަށް ބަލާނަމަ، "شهر" (މާނަ: ކަލަންޑަރުގައިވާ މަސް) މިލަފުޒު ޤުރްއާނުގައި ވަނީ 12 ފަހަރުއެވެ. އަހަރުގެ ތެރޭގައި ވަނީ ވެސް 12 މަހެވެ. އަދި "يوم" (މާނަ: ދުވަސް)، މިލަފުޒު ޤުރްއާނުގައި ވަނީ 365 ފަހަރުއެވެ. މިއީ އަހަރެއްގައިވާ ދުވަސްތަކުގެ ޖުމްލަ އަދުވެސްމެއެވެ.

ހަމައެހެންމެ މިފަދަ ކަންކަމަކީ މައިންބަފައިނަށް ދަރިންނާއެކީގައި ފައިދާކުރަނިވި މަޖާ ވަގުތުތަކެއް ހޭދަ ކުރުމަށް ލިބޭނެ ރަނުގެ ފުރުސަތްތަކެކެވެ، އަދި އޭގެ ސަބަބުން ދަރިންނާއި މައިންބަފައިންގެ ދެމެދުގައިވާ ގުޅުންތައް ވަރުގަދަވެ، އާއިލާގެ ތެރޭގައިވެސް ގުޅުން ބަދަހިވެގެންދާނެއެވެ.

8. ކީރިތި ޤުރްއާނަކީ ޝިފާއެއްކަން ދެނެގަނެ ކުދިންނަށް އެކަން އަންގައިދޭށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

﴿وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ﴾ (1)

މާނަ: " ތިމަން އިލާހު، ޢަރަބި ނޫން ބަހަކުން ޤުރްއާން އެއް ބާވައިލެއްވިނަމަ، އެއުރެން ބުނީހެވެ. (ޢަރަބި ބަހުން) އެ ފޮތުގެ އާޔަތްތައް ތަފްސީލު ކުރައްވާފައިވާނަމަ، ކިހާރަނގަޅު ހެއްޔެވެ؟ އެފޮތް ޢަރަބި ނޫން ބަހަކުން އޮވެފައި، އެ ފޮތް ބާވައިލެއްވީ، ޢަރަތްބަކަށް ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ފޮތަކީ، އީމާން ވި މީހުންނަށްވާ ތެދުމަގެކެވެ. އަދި ޝިފާ އެއްވެސްމެއެވެ. އަދި އީމާން ނުވާމީހުންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި އެ ފޮތަކީ، އެއުރެންގެ މައްޗަށްވާ ކަނުކަމެކެވެ. އެއުރެން ދުރުތަނަކުން ގޮވައިލެވޭ ބަޔެއްފަދައެވެ."

އެހެންކަމުން ދިރިއުޅުމާ ޤުރްއާނާ އިތުރަށް ގުޅުވުމަށްޓަކައި ބަލިބައްޔަށާއި ހާސްވެ، ކަންބޮޑުވާހިނދު ޤުރްއާނުން ޝިފާ ލިބިގަތުމަށް ކުދިންނަށް ދަސްކޮށްދޭށެވެ. އެހެނީ ކުރިންވެސް ބުނެވުނުފަދައިން ޤުރްއާނަކީ އަހަރެމެންގެ ވެރި އިލާހުގެ ކަލާމްފުޅެވެ. ނުތަނަވަސްވާ ވަގުތުތަކުގައި ޤުރްއާން ކިޔެވުމުން، އެފަދަވަގުތުތަކުގައި ﷲއާ ގާތްކަން ތިމާއަށް އިހުސާސްވާނެއެވެ. އަދި ޑިޕްރެޝަނާއި ހާސްވުންފަދަ ކަންކަމުންވެސް ފަސޭހަކަމާއެކު ސަލާމަތްވުމަށް ޤުރްއާނަކީ އެންމެ ރަނގަޅު ޝިފާއެވެ.

އަޅުގަނޑު ހަނދާނަށް އަންނަނީ އައްޝައިޚް އައްދުކްތޫރު މުޙައްމަދު ޢަލީ އައްޝަބީލީ ދަރުހެއްގައި ކިޔައިދެއްވި ވާހަކައެކެވެ. ބައްޕައަކާއި ދެކުދިން ކޮޓަރިއެއްގައި ތިއްބައި ކުލިއަކަށް ކަރަންޓުގޮސް މުޅިތަން އަނދިރިވިއެވެ. އެއާއެކު، އެތަނުން ކުއްޖަކު ބިރުން އުޅެން ފަށައިފިއެވެ. ނަމަވެސް އަނެއް ކުއްޖާ ވަގުތުން ވަކިން ތަނެއްގައި އިނދެ، ޤުރްއާނުން އަލް-ފަލަޤް ސޫރަތް ކިޔަވަން ފެށިއެވެ.އެކުއްޖާއަށް ވިސްނުނީ އަނދިރިވެރިކަން ވެރިވެ، ބިރުގަންނަންފެށީމާ ދެން ތިމަންނަގެ ހިތައް ތަސައްލީއެއް ލިބޭނީ ތިމަންނަގެ ވެރިއިލާހު ހަނދުމަކުރުމުން ކަމެވެ. އަދި ޤުރްއާން ކިޔެވުމުން ކަމެވެ. މިފަދަ ތަރުބިއްޔަތެއް ދަރިންނަށް ދިނުމަށް އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހެއެވެ.

(1) التبيان للنووي (28)

(ނުނިމޭ)