އަޅުގަޑުމެންގެ ތެރޭގައި މިއަދު ޑިޕްރެޝަން ނުވަތަ މާޔޫސްކަމުގެ ބައްޔާ ހަނގުރާމަ ކުރާކަމަށް ބުނާމީހުން ބިރުގަންނަ ދަރަޖައަކަށް މިދަނީ އިތުރުވަމުންނެވެ. އެކަމާމެދު ފުންކޮށް ވިސްނާލާއިރު، އެއީ ހައިރާންވާން ޖެހޭވަރުގެ ކަމެއްނޫނެވެ.

މިއަދުގެ އަޅުގަޑުމެންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލަށް ބަލާއިރު އެތައްބައެއްގެ ދިރިއުޅުން މިވަނީ އިންތިހާ ދަރަޖައިގެ އެކަނިވެރިކަމެއްގެ ތެރޭގައެވެ. މިދަންނަވަނީ ކީކޭކަން، ތިޔައިގެ ތެރެއިން މިދެންނެވި އެކަނިވެރިކަން އަމިއްލައަށް ތަޖުރިބާ ކުރައްވަމުން ގެންދަވާ އަދި އެކަނިވެރިކަމުގެ ހިތްދަތި ތަޖުރިބާ ކުރަމުން ގެންދާ މީހުން ގާތުން ދެކިވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ހެނދުނު ތެދުވެ ބޮޑު އާއިލާއެއްގެ ތެރޭގައި ކައިބޮއި އެކުއުޅެ ހީސަމާސާކޮށްހަދާ، އެހެނަސް ވަރަށް ހިތްދަތި އެކަނިވެރިކަމުގެ ތެރޭގައި އުޅޭ މީހުން އަޅުގަނޑު ދަންނަމެވެ. އޭގެތެރެއިން އެކަކުވެސް އެއީ ކިހާ ބޮޑު އެކަނިވެރިކަމެއްގެ ތެރޭގައި ދިރުއުޅޭ ބައެއްކަން މީހުންނަކަށް ނޭނގެއެވެ. ސަބަބަކީ، އެމީހުންގެ އަޑު، ޝަރުތަކާ ނުލާ އަހާނެ ބަޔަކުނެތީމައެވެ. އެކަނިވެރިކަމަކީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. އެއީ މިއަދު އަޅުގަޑުމެންގެ ތެރެއިން އެންމެ ގިނަމީހުން ކުރާ ހަނގުރާމައެވެ.

Ad
rt

އެކަނިވެރި ދިރިއުޅުމަކީ މިއަދުގެ ހަގީގަތެވެ. އެކަނިވެރިކަމުގެ ތެރެއަށް ގަރަގު ވެގެންދާހިނދު އެހެންގޮތެއް ހޯދެން އޮންނަގޮތަކީ ވާހަކަ ދެއްކުމެވެ. އެކަނިވެރިކަމުން ވެރިވާ މާޔޫސްވުމުގެ އިހްސާސްތައް ފަނާކޮށްލާ ހަތިޔާރަކީ އިތުބާރުކުރެވޭ ގާތް އެކުވެރިން ތިމާގެ އަޑުއެހުމެވެ. އެކަން ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގާތްގުޅުންތަކެއް ފައްކާކޮށްގެންނެވެ. އަޅުގަޑުވެސް ގަބޫލުކުރަމެވެ. ބުނެލަން ފަސޭހައެވެ. ހާއްސަކޮށް، އެކަނިވެރިކަމުގެ ހުރަގެއެއްގައި ތާށިވެ، ބަނދެވި، ނިކުމެވޭނެގޮތެއް ނުފެނި، މާޔޫސްކަމުގެ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހަކަށެވެ.

އެކަނިވެރިކަމުގެތެރެއިން ވާސިލުވެވޭ މާޔޫސްކަމުގެ ބަލީގެ ހާލަތަކީ އެކަން ތަޖުރިބާކުރެވިފައިވާ ނުވާ މީހަކަށް އޭގެ ފުންމިނާއި ފުޅާމިން ވަޒަންކުރެވޭނެ އަދި ފަހުމުކުރެވޭ ޒާތުގެ ކަމެއް ނޫނެވެ. މާޔޫސްކަމުގެ ބަލީގައި ރަނގަޅަށް ތާށިވުމުން، އިސްއުފުލާބަލާލުމަކީވެސް، ހަތަރުކަޅި ހަމަކޮށްލުމަކީވެސް، އަނގައިން ބަހެއް ބޭރުކޮށްލުމަކީވެސް، ހިތަށްނުގެނެވޭފަދަ ބުރަކަމެކެވެ. އެހެންކަމުން އެހިސާބަށް ދެވުމުގެ ކުރިން ގަދައަޅާ ހިތްވަރުކޮށްގެން އެހުރަގެއިން ނިކުތުމުގެ މަސައްކަތް ހަމަމިހާރުންމިހާރަށް ފަށަން ޖެހެއެވެ. އެކަން ކުރެވޭނީ، ތިމާދެކެ ލޯބިވާ، ތިމާއާއި ހިތުގެގާތްކަން އޮތް، ކުލުނާއި ހިތްހެޔޮކަން ތިމާގެ މައްޗަށް އޮތް، ގާތްބައެއްގެ ފަރާތުން ހިތްވަރު ލިބިގެންނެވެ. އެފަދަ މީހަކު ނެތްކަމުގެ އިހްސާސަކީ އެކަނިވެރިކަމުގެ ބިރުވެރި ހުރަގޭގައި ހުންނައިރު ދުނިޔެ ދައްކާ ހަގީގަތެވެ. މި ދަންތުރައިން ނެއްޓުމަކީ ތިމާ އެކަނި ކުރެވޭނެކަމެއް ނޫންކަމުގައި އަބަދުވެސް އިހްސާސްކުރެވޭނެއެވެ. އެހެންވީއިރު، ދެން ހަދާނީ ކިހިނެތްޔެވެ؟ އެންމެ ފުރަތަމަ ތިމާ ވިސްނާގޮތް ބަދަލުކުރުމެވެ.

އެކަނިވެރިކަމުން އަރައިގަތުމަށްޓަކާ ތިމާ ވިސްނާގޮތް ބަދަލުކުރުމަށް ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ކުރެވިދާނެ ކަމަކީ އެހެންމީހުންނާ ތިމާ ބާއްވާ ގުޅުން ހަރުދަނާކޮށް ފައްކާ ކުރުމެވެ. މިގޮތުން ކުރެވިދާނެ އެެއްކަމަކީ އެމީހަކާމެދު އޮންނަ ގުޅުމުން ތިމާއާއަށް އިހްސާސް ކުރެވޭ ގޮތުގެ ސަބަބުން ނުތަނަވަސްކަން ތިމާގެ ހިތަށް ވެރިވެ، އެކަމާ މެދު ކަންބޮޑުވެ ވިސްނާފިކުރު ކުރެވޭ މީހަކާއެކު ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހޭދަކުރުމެވެ. ކަނުލާ އަޑު އަހާށެވެ. އެއްބަސްވާށެވެ. އެއްބަސް ނުވެވޭނެ ކަންތައްތަކާމެދު ހަނު ހުންނާށެވެ. ދެކޮޅު ނުހަދާށެވެ. ދެތިން ހަފުތާ ފަހުން ވާގޮތެއް ބަލާށެވެ. އެކަނިވެރިކަން އިހްސާސްކުރާ އެހެން މީހަކު އެނގެންޏާ އެމީހަކާ، އަމިއްލަ ތަޖުރިބާ ހިއްސާ ކޮށްލެވިދާނެއެވެ.