ހދ. ނޮޅިވަރަމްފަރުން ފުރައިގެން ހަނީމާދޫއަށް ދަތުރު ކުރި ލޯންޗު ބަންޑުން ޖާހާލައި މަރުވި މީހުންގެ ތެރޭގައި، ގައުމީ ޓީމުގެ ފޯވަޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އާއިލާގެ ހަތަރު މީހުން ނިޔާވެފައިވާތީ، ގައުމީ ޓީމުގެ ކޭމްޕް ކެންސަލް ކޮށްފި އެވެ.
މިހާދިސާ ހިނގި އިރު އިއްބެ ހުރީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅުމަށް އެކުލަވާލި ސްކޮޑާއި އެކު ސްރީލަންކާގައި ކޭމްޕް ކޮށްފަ އެވެ.
ގައުމީ ޓީމުން މައުލޫމާތު ދޭގޮތުގައި އިއްބެ އަށާއި އޭނާގެ އާއިލާއަށް ކުރިމަތިވެފައިވާ މިހިތްދަތި ވަގުތުގައި ގައުމީ ޓީމުގެ ހުރިހާ ޕްރޮގްރާމެއް ކެންސަލް ކޮށްފައިވާ ކަމަށެވެ.
އިއްބެ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. ޑިސިޕްލިން ރަނގަޅު، މަސައްކަތުގެ ރޭޓް އެހާމެ ރަނގަޅު އިއްބެ އަކީ ރާއްޖޭން މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު މޮޅަށް ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވިދާލީ 2015 - 2018 އަށް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ދުވަސްވަރުގައެވެ.
އިއްބެގެ އާއިލާއަށް ދިމާވި މިހިތާމަވެރި ހާދިސާގައި މުޅިގައުމު އަންނީ ހިތާމަ ފާޅުކޮށް އިއްބެއާއި އިއްބެގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!