"ކައިވެނީގެރަން ޒަމާނާއި ގުޅުވާލި މޭސްތިރިޔާ" މިވަރަށް ބުނެލުމުން ވެސް ގިނަބަޔަކަށް މި ދައްކަން އުޅެނީ ކާކުގެ ވާހަކައެއް ކަން އެނގޭނެއެވެ. ހއ.އުތީމަށް އުފަން އެ ރަށު ކޮތަރިވިލާ، އަޙްމަދު ޝުހައިލްއަކީ ކައިވެނީގެ ހަފްލާތަކުގައި ރަނުގެ ގޮތުގައި ދެމުންއަންނަ ފައިސާ ހުށަހަޅައިދިނުން ޒަމާނާއި އެއްގޮތަށް ބަދަލު ކޮށްލި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ހުނަރުވެރިޔާއެވެ.

އެމްއެންޑީފްގައި ވަޒީފާ އަދާކުރަމުން އަންނަ ޝުހައިލް މި މަސައްކަތް ފެށުނުގޮތް ނުވަތަ މި މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް "ތިލަދުން" އާއި ހިއްސާ ކުރަމުން ބުނެފައިވަނީ، ފެށުން ގޮސް ގުޅެނީ އެކުގައި ވަޒީފާގައި އުޅުނު ރަހުމަތްތެރިއެއްގެ ކައިވެނީގެ ހަފްލާއާއި ކަމަށެވެ.

Ad
rt

"ރަހުމަތްތެރިޔާ އެދުމުގެ މަތިން އެ ކައިވެނީގެ ހުރިހައި ކަމެއްގައި ވެސް އަޅުގަނޑަށް އުޅެންޖެހުނު، އެކުވެރިޔާ ބޭނުންވީ ކައިވެނީގެ ރަން ތަފާތު ގޮތަކަށް ބައިވެރިޔާއަށް ދޭން، ރަނުގެ ގޮތުގައި ކިޔާފައި އޮތީ 1111.11 (އެއްހާސް އެއްސަތޭކަ އެގާރަ ރުފިޔާ އެގާރަ ލާރި) މި އަދަދު އެކުވެރިޔާ ބޭނުންވީ ވަކިލާރިން ދޭން، ދެން އަޅުގަނޑުމެން ބިއްލޫރި ބޯލްއެއް ހޯދައި އެޔަށް އެ އަދަދަށް ވަކިލާރިއަޅައި، އުގާރޯނުން އޭގެ ބޭރު ޑެކަރޭޓްކުރީ، ކައިވެނީގެ ހަފްލާގައި ވަރަށް ގިނަބަޔަކު ލޮލުގައި އޭތި އަޅައިގަތް، ވަރަށް ގިނަބަޔަކަށް އެ ކަމުދިޔަ، އެ ހިސާބުން ފަށައިގެން އިތުރު އެކުވެރިންގެ ކައިވެނީގެ ހަފްލާތަކަށް މިގޮތަށް ކައިވެނީގެ ރަން ހަދަން ފުރުޞަތު ލިބެންފެށީ"

ޝުހައިލް މި މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް ހިއްސާކުރަމުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި އުތީމު މަހާރަދުންގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ މި ހުނަރުވެރިޔާ މި ނަން ބޭނުންކުރާ ސަބަބަކީ އޭނާގެ އުފަން ރަށަކީ އުތީމުކަމަށް ވެފައި، ދިވެހި ޤައުމު ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތް ކޮށްދެއްވި ޤައުމީ ބަތަލު ބޮޑުތަކުރުފާނު ނުވަތަ އުތީމު މަހާރަދުންގެ ވެސް ރަށަކީ އުތީމަށްވުމުގެ އިތުރުން، އެ ނަމަކީ ޤައުމުގެ ފަޚުރަކަށްވުމެވެ. މީގެއިތުރުން ޤައުމުގެ މިނިވަން ކަމަށްޓަކައި ޖާނާއި މާލުން ޖިހާދު ކުރެއްވި ބޭފުޅުންގެ ނަން ދިރުވައި އާލާކުރުމަކީ މުހިންމު ކަމެއް ގޮތުގައި ދެކޭތީ ކަމުގައި ޝުހައިލް ބުނެފައިވެއެވެ.

2008 ވަނަ އަހަރު މި މަސައްކަތްފެށި އިރު އެފަދަ ގޮތަކަށް ފަރުމާކޮށް ކައިވެނީގެ ރަން ތައްޔާރުކުރާ އިތުރު ފަރާތެއް އުޅޭކަން އެނގިފައި ނުވާކަމަށް އޭނާ ބުނެފައިވެއެވެ. މީހުންނަށް މިކަން ބޮޑަށް ތަޢާރަފްވެގެން ގޮސްފައިވަނީ 2012 ވަނަ އަހަރު ސޯޝަލް މީޑިއާގައި މި ތަކެތި ހިއްސާކުރަން ފެށި ހިސާބުންނެވެ. ޝުހައިލް ބުނެފައިވާ ގޮތުގައި އޭނާއަކީ އެ މަސައްކަތް ފެށުމުގެ ކުރިން އަތްތެރި މަސައްކަތެއް އަދި ވަޑާމުގެ މަސައްކަތެއް ވެސް އެއްވެސް ވަރަކަށް ކޮށްފައިވާ ފަރާތެއް ނޫންކަމަށެވެ.

މި މަސައްކަތުގައި މެދުކެނޑުމެއްނެތި ބާރަ އަހަރުގެ ދިގު މުއްދަތެއް ޝުހައިލް ހޭދަކޮށްފައިވާއިރު، ތައްޔާރު ކުރެވުނު ރަނުގެ އަދަދު 3000 (ތިން ހާސް)އަށް އަރައެވެ. ޗުއްޓީތަކަށާއި، ރީތި ތާރީޚުތަކަށް ކައިވެނިކުރާ މީހުންގެ އަދަދު އިތުރުވާ ކަމަށާއި އެފަދަ ދުވަސްވަރަކަށް ނުވަތަ ދުވަހަކަށް އެ މަސައްކަތައް އޮންނަ ޑިމާންޑް ވެސް އިތުރުވާކަމުގައި އޭނާ ފާހަގަ ކޮށްފައިވެއެވެ. އެފަދަ ތާރީޚަކަށް ސައުވީސް ގަޑިއުރުގެ ތެރޭގައި ބާރަ ރަން ތައްޔާރު ކޮށްފައިވާނެ ކަމަށް ޝުހައިލް ބުނެފައިވާއިރު އެކަމުން މި މަސައްކަތުގައި އޭނާގެ ކުޅަދާނަކަން ހާމަވެއެވެ.

Congrats
Kaiveneege ran by utheem Mahaaradhun
9633458
10.6.2020

Posted by Utheem Mahaaradhun on Wednesday, June 10, 2020

ޝުހައިލް މިހާހިސާބަށް ވަރަށް ގިނަ އަދަދެއްގެ ރަންތައް ފަރުމާކޮށް ހުށަހަޅައި ދީފައިވާއިރު ދުވަހަކު ވެސް އެހެން މީހެއްގެ މަސައްކަތް ކޮޕީ ކޮށްފައި ނުވުމަކީ އޭނާގެ ކުޅަދާނަކަމާއި ޚިޔާލުގެ ތަނަވަސްކަން ރަމްޒު ކޮށްދޭ ހެއްކެކެވެ.

"ބައެއްފަހަރު ކަސްޓަމަރެއް އައިސްދާނެ އެހެން މީހަކު ހަދާފައިން އެއްޗެއްގެ ފޮޓޯއެއް ހިފައިގެން، ހަމަ އެގޮތައް އެއްޗެއް ހަދައިދޭށޭ ކިޔާފައި، އެފަދަ ހާލަތްތަކުގައި ހަމަ އެ އިންނަ ގޮތައް އޭތި ހަދައިނުދެން، ފެންނަ ބަދަލުތަކަކާއިއެކު ހަދައިދޭން، އެގޮތައް ކަސްޓަމަރު އެއްބަސް ނުވެއްޖެނަމަ އެޔާއި ހަވާލުނުވަން، އެގޮތައް ދިމާވެގެން ބައެއް އޯޑަރތައް ހުންނާނެ ނުނަގާ ދޫކޮށްލާފަވެސް"

ޝުހައިލްގެ ބައެއް މަސައްކަތްތައް ބައެއް ފަރާތްތަކުން ކޮޕީކޮށްފައި ހުންނަތަން ފެންނަ ކަމަށާއި އެކަމާއި ހިތާމަކުރާކަން ފާހަގަކުރަމުން އޭނާ ބުނެފައިވަނީ، ކޮޕީކުރުމުގެ ބަދަލުގައި އަމިއްލަ ޚިޔާލު ބޭނުން ކޮށްގެން ކޮންމެ ބޭފުޅަކު ވެސް މި މަސައްކަތުގައި ކުރިއަށް ދިއުމަށް އެދޭކަމަށެވެ.

Kaiveneegeran by utheem Mahaaradhun
9633458
7.9.2020

Posted by Utheem Mahaaradhun on Monday, September 7, 2020

ޤައުމުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ ކައިވެނީގެ ރަން ފަރުމާކޮށް ހުށައަޅައިދީ، ހަފްލާތައް ފަޅުފިލުވައި ދެމުންއަންނަ ޝުހައިލް މި ތަކެތި ފަރުމާ ކުރުމުގައި ތީމް ސެލެކްޓް ކުރަނީ ކިހިނެއްތޯ މިއީ ގިނަބަޔަކު ހިތުގައި އުފެދިދާނެ ސުވާލެކެވެ.

"މިހާރު ވަރަށް ބޮޑަށް ބަލަން އެ މީހެއްގެ ދާއިރާއާއި ގުޅުވައިލެވޭތޯ، މިސާލަކަށް ވޮލީ ކުޅުންތެރިއެއްނަމަ ރަން ފަރުމާކުރާއިރު ވޮލީގެ ތީމްއެއް، ޑޮކްޓަރެއްގެ ކައިވެންޏެއްނަމަ އެ ހަފްލާއަށް ތައްޔާރުކުރާ ރަނަކީ ޑޮކްޓަރުން ކުރާ މަސައްކަތާއި ގުޅުންހުރި ތީމްއެއް، މިކަހަލަގޮތަކަށް ގުޅުވައިލީމަ އަސްލު މީހުނަށް ވަރަށް ބޮޑަށް ކަމުދޭ، ހުންނާނެ ދެން ހަމަ ކަސްޓަމަރު ބޭނުންވާ ގޮތަށް ވެސް އަދި މިނޫން ތަފާތު ޚިޔާލުތަކަށް ވެސް ގިނަ ރަންތަކެއް ތައްޔާރު ކުރެވިފަ"

ރަން ފަރުމާ ކުރުމުގެ ޚިޔާލު ގެންގުޅޭ ގޮތް ހިއްސާ ކުރަމުން ޝުހައިލް ބުނެފައިވެއެވެ.

މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ބޭނުންވާ ތަކެތި ރާއްޖެއިން ފަސޭހައިން ލިބެންނެތުމެވެ. ބައެއްކަހަލަ މާ ނުވަތަ ބައެއް ކުލައިގެ މާ އަދި ބައެއް ކުލަކުލައިގެ ރިބަން ކަހަލަ އެއްޗެހި މާލޭގެ ފިހާރަތަކަށް ދުއްވައިގެން ވެސް ނުލިބޭތަން އަންނަނީ މަދެއްކޮށް ނޫނެވެ. މިފަދަ ދަތިތަކާއިހުރެ ސެލެކްޓް ކޮށްފައި ހުންނަ ތީމްގެ ކުލަ ބަދަލު ކުރަންވެސް ޖެހޭފަހަރު އަންނަ ކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ.

ޝުހެއިލް މި މަސައްކަތް ކުރަނީ މާލޭގައި އޭނާގެ އާއިލާއާއި އެކު ދިރިއުޅެމުން އަންނަ ގޭގައެވެ. ވަޒީފާ ގަޑި ނިންމާލުމަށްފަހު ގޭގައި އަނބިދަރިން ކައިރީ، އެ މީހުންނަށް ފެންނަތާ އިންދެ މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭތީ މި މަސައްކަތުގެ ސަބަބުން އަނބިދަރިންނަށް ވަގުތު ނުދެވުމުގެ އިހުސާސް ކުރަން އޭނާއަށް ނުޖެހެއެވެ. ޝުހައިލްއަކީ ވަރަށް ތަފާތު މަސައްކަތު ޝެޑިއުލެއް ގެންގުޅޭ ފަރާތެކެވެ. މިގޮތުން އޭނާއަށް މަސައްކަތް ކުރާކަށް ވަކި ގަޑިއެއް ހާއްސައެއް ނޫނެވެ. ދަންވަރު ވިޔަސް ފަތިހު ވިޔަސް މަސައްކަތް ކުރަން ވަގުތު ލިބޭނަމަ އެ ގަޑިތަކުގައި ވެސް މަސައްކަތް ކުރުމަކީ އޭނާގެ އާދައެވެ.

Kaiveneegeran by utheem Mahaaradhun
9633458.
23.9.2020
#kaiveneegeranbyshuhail
#bigday
#marriedlife
#love
#frame

Posted by Utheem Mahaaradhun on Wednesday, September 23, 2020

ކުރިޔާ ޚިލާފަށް މިހާރު މި މަސައްކަތުގައި ޑިމާންޑް ވެސް އަދި ވާދަވެރިކަން ވެސް އިންތިހާއަށް މިވަނީ ބޮޑުވެފައެވެ. ޝުހެއިލްއަށް މި މަސައްކަތުގައި ޑިމާންޑް ދަށަށް ނުގޮސް ހިފެހެއްޓިފައި އޮންނަ އެންމެ ބޮޑު ސަބަބަކީ މަސައްކަތް ވަގުތަށް ނިންމައި ހަވާލުކުރާނެ ކަމުގެ ޔަޤީންކަން ކަސްޓަމަރުންނަށް އޮތުންކަމުގައި އޭނާދެކެއެވެ.

ކައިވެނީގެ ޚަފްލާތަކަށް ޒަމާނާއިއެކު އައި ބަދަލުތަކާއި ގުޅިގެން ވިޔަފާރީގެ ގޮތުގައި މި މަސައްކަތް ކުރާ ފަރާތްތައް މިވަނީ އިތުރުވެފައެވެ. ތައްޔާރު ކުރާތަކެތީގެ އަގު ކަނޑައަޅަނީ އެ އެއްޗެއް ތައްޔާރު ކުރުމަށް ދާ ޚަރަދަށް ބަލައިގެން ކަމަށާއި، މީހުންނަށް އުނދަގޫވާވަރު ބޮޑެތި އަގު ކިޔުމަކީ ޝުހައިލްގެ ވިސްނުމެއް ނޫނެވެ.

Kaiveneegeran by utheem Mahaaradhun
9633458.
#kaiveneegeran
#marriedlife
#love

Posted by Kaiveneege Ran on Monday, September 14, 2020

"މިއީ ވަރަށް އުފާވެރިކަން ގެނުވާ ކަމެއް، ވަރަށް އުފާވޭ އަޅުގަނޑު ކައިވެނީގެ ރަން ހަދައިދިން ފަރާތްތަކުން އެ ކައިވެނީގެ މަތީގައި އާއިލާއެއް ބިނާކޮށް ދިރިއުޅެމުންދާތަން ފެނުނީމަ، ގިނަބަޔަކު މި މަސައްކަތް ކަމުގޮސްގެން ގުޅާފައި ވެސް ވަރަށް ހިތްވަރު ދެއްވާނެ"

އެހެން މީހުންގެ ފަރާތުން ލިބޭ ހެޔޮ ބަސްތަކަކީ ވެސް މި މަސައްކަތުގައި ދެމިހުރުމަށް ލިބޭ ބާރެއްގޮތުގައި އޭނާ ފާހަގަކުރެއެވެ.

Kaiveneegeran by utheem Mahaaradhun 2020 .08. 13
9633458.

Posted by Kaiveneege Ran on Thursday, August 13, 2020

ހަމައެކަނި ކައިވެނީގެ ރަނާ ހިސާބުން ޝުހައިލްގެ ހުނަރުވެރިކަން ނުނިމެއެވެ. ޝުހައިލްއަކީ ވާހަކަ ދެއްކުމާއި ބަހުސް ކުރުމުގައި ވެސް އެފަދަ ދެވަނައެއް ނުވާ ދޫފަރިތަ ދިވަހި އަދަބިއްޔާތައް ކުޅަދާނަ ފަރާތެކެވެ. އެމްއެންޑީއެފްގެ ޖަލްސާތަކާއި ބައެއް ޤައުމީ ޖަލްސާތައް ވެސް ހުށައަޅައި ދިނުމުގެ އިތުރުން އޮފީސް ބަހުސް މުބާރާތްތަކާއި ޤައުމީ ފެންވަރުގެ ބަހުސް މުބާރާތްތަކުގައި ވެސް ވާދަކޮށްފައިވާ އަދި މިހާރުވެސް އެމްއެންޑީއެފްގެ ބަހުސް ޓީމުގެ މެމްބަރެކެވެ.

"ކޮންމެ މީހަކީ ވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ލިބިފައިވާ މީހެއް، ހާއްސަކޮށް ޒުވާނުން އެބަޖެހޭ ލިބިފައިވާ ހުނަރުތައް ތަރައްޤީކޮށް ކުރިއަރުވައި އެ ކަންކަމުގައި ކުރިއަށް ދާން، ކަންނެތްކަން ދޫކޮށްލައި ޒުވާންކަމުގެ ޖޯޝާއިއެކު ނުކުމެ ކެރިގެން މަސައްކަތްތަކުގައި އުޅެން. މިފަދަ ކިތަންމެ މަސައްކަތެއް ކުރެވިދާނެ ކިތަންމެ ޒުވާނުންނެއް މި ޤައުމުގައި ތިބޭނެކަން ޔަޤީން"

ތެދެކެވެ. ޤައުމުގެ ކޮންމެ ޒުވާނަކު ވެސް މިފަދަ ހުނަރުވެރިންގެ މަސައްކަތުން ހިތްވަރު ހޯދަން އެބަޖެހެއެވެ. ކަންނެތްކަން ދޫކޮށްލަން އެބަޖެހެއެވެ. ޤައުމު ބިނާކުރުމުގައި ތެދުވަން އެބަޖެހޭ ނޫންތޯއެވެ؟