ޕާޓީ ބަދަލުކުރުމާ ގުޅިގެން ކައުންސިލްގެ ރައީސްކަމުގެ މަގާމު ގެއްލުނު ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާއު އަލީ މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި އެ ގޮނޑި އަނބުރާ ހޯދައިފިއެވެ.
އޭނާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.
އެމްޑީޕީން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، މިއަދު ބޭއްވުނު ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓް ޝުޖާއު އަލީ އަށް މަރުޙަބާ ދަންނަވާފައެވެ.
މި އިންތިޚާބުގައި ޝުޖާއުއާ ވާދަކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ނުކުތް ވ. ތިނަދޫ، ނަޔާ، އަހުމަދު އަމަން މުހައްމަދެވެ. ނަމަވެސް، މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.
ޝުޖާއުގެ ގޮނޑި މީގެކުރިން ގެއްލިފައިވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު، އެމްޑީޕީއަށް ސޮއިކުރުމާ ގުޅިގެންނެވެ. ޝުޖާއު އަލީގެ މަގާމު ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅީ މިއަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.
ޝުޖާޢު ގޮނޑިގެއްލިއްޖެކަން އާންމުކޮށް ޢިއުލާންކޮށް އެދުވަހު އެލްޖީއޭއިން ނެރުނު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ޝުޖާއު އަލީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު، ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި 19 މޭ 2024 ގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ކައުންސިލަށް އިންތިޚާބުވުމަށްފަހު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ކައުންސިލް މެންބަރުކަމުގެ މަގާމު ގެއްލޭނެއެވެ.
އެ މާއްދާއަށް ރިއާޔަތްކޮށް ޝުޖާއު އަލީގެ މަގާމު ހުސްވެއްޖެ ކަމަށް އެލްޖީއޭ އިން ކަނޑައަޅާފައިވަނީ 30 ޖޫން 2024 ގައި ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުގައެވެ. އަދި އެ މަގާމު ހުސްވެފައިވާކަން އެލްޖީއޭ އިން އޭރު ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!