މާލޭގައި ހިންގާ އޮފީހަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ފައިސާގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފި ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނާއި އަންހެނެކެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، ފުއްޓަރު، އަޙްމަދު ނާޡިމް (31އ) އާއި، އެ ރަށު މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) ގެ އިތުރުން އެ ރަށު ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ) އެވެ. މި މީހުންގެ ތެރެއިން އަޙްމަދު ނާޡިމް މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރިއިރު، އަނެއް ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

އޮފީހުން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެ މައްސަލަ ރިޕޯޓްކުރުމާއެކު ފުލުހުން ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތައް ބަލައި ދިރާސާކޮށްގެން ކުށުގެ ތުހުމަތުކުރެވޭ މީހުން ދެނެގަތެވެ.

މި ތަހުގީގުގެ ތެރެއިން ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށްފަހު، އެ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ވަނީ ފެނިފައެވެ. އެގޮތުން 1,093,122.25 (އެއް މިލިއަން ނުވަދިހަ ތިންހާސް އެއްސަތޭކަ ބާވީސް ރުފިޔާ ފަންސަވީސް ލާރި) އަދި 8،845 ޔޫއެސް ޑޮލަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެ އޮފީހުން ޖުމްލަ 1,252,505 (އެއް މިލިއަން ދުއިސައްތަ ފަންސާސް ދެހާސް ފަސްސަތޭކަ ފަސް ރުފިޔާ) އާއި 11،470 ޔޫއެސް ޑޮލަރު ވަނީ ވަގަށް ނަގާފައެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނާޡިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ޙުސައިން ޞަބާޙްގެ ބަންދަށް 30 ދުވަސް ދީފައިވާއިރު، ޢާއިޝަތު ނަޝާޔާ ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނީ މި ވައްކަމުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.