މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ މަދު އަދަދެއްގެ މީހުން ހިމެނޭ ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާފައިވަނީ ގަތުލުއާންމެއް (ޖެނޮސައިޑް) ކަމަށް އިނގިރޭސިވިލާތުން ރަސްމީކޮށް ބަލައިގެންފިއެވެ.

މީގެ އިތުރުން މި ނިންމުމާ އެކު، މިޔަންމާގެ އަސްކަރީ ލީޑަޝިޕާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް ވެސް އިނގިރޭސިވިލާތުން ވަނީ އިއުލާނުކޮށްފައެވެ.

އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ކޮމަންސްގައި ވާހަކަދައްކަވަމުން އެ ގައުމުގެ ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް ވިދާޅުވީ، އިނގިރޭސިވިލާތުގެ މި ސްޓޭންޑް ކަށަވަރުކޮށްފައިވަނީ ދަ ގެމްބިއާއިން ހުށަހެޅި މައްސަލައަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ތާރީޚީ ނިންމުމަށް ފަހު ކަމަށެވެ. މިއީ އިނގިރޭސިވިލާތުން ރަސްމީކޮށް ގަތުލުއާންމެއްގެ ގޮތުގައި ބަލައިގަތް ހަވަނަ ހާދިސާއެވެ. މީގެ ކުރިން އެ ގައުމުން ބަލައިގެންފައިވަނީ ހޮލޮކޯސްޓް، ރުވަންޑާ، ސްރެބްރެނިކާ، ކެމްބޯޑިއާ އަދި ޔަޒީދީ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުތަކެވެ.

މި ނިންމުމާ ގުޅިގެން މިޔަންމާގެ އަސްކަރިއްޔާގެ އިސް ފަސް ވެރިއެއްގެ މުދާ ފްރީޒްކޮށް، ދަތުރުފަތުރު ކުރުން މަނާކުރުމުގެ ފިޔަވަޅު އިނގިރޭސިވިލާތުން ވަނީ އަޅާފައެވެ. ފިޔަވަޅު އެޅި އިސް ވެރިންގެ ތެރޭގައި ރަޚައިން ސްޓޭޓްގެ ވެސްޓަން ކޮމާންޑްގެ ކޮމާންޑަރު މޭޖާ ޖެނެރަލް ކިޔޯ ސޯ އާއި، އޭނާގެ ކުރިން އެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް ކިޔޯ ސްވާ އޫ ހިމެނިވަޑައިގަންނަވައެވެ. އެ ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި ސިއްހީ މަރުކަޒުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައިވާތީއެވެ. އޭގެ ތެރޭގައި 33 އާންމުން މަރުވި މްރައުކް-ޔޫ ޖެނެރަލް ހޮސްޕިޓަލަށް ދިން ހަމަލާ ވެސް ހިމެނެއެވެ.

މީގެ އިތުރުން، މިޔަންމާގެ އަސްކަރިއްޔާއިން ވައިގެ މަގުން ދެމުންދާ ހަމަލާތަކުގެ ގާބިލުކަން ކުޑަކުރުމުގެ މަގުސަދުގައި، އެ ގައުމަށް މަތިންދާބޯޓު ތެޔޮ އެކްސްޕޯޓްކުރުމާއި ފޯރުކޮށްދިނުން މަނާކުރުމަށް ޚާއްސަ އައު ގާނޫނެއް ތައާރަފްކުރުމަށް ނިންމާފައިވާކަން ވެސް ލަންޑަނުން ވަނީ އިއުލާނުކޮށްފައެވެ.

ހަމައެއާއެކު ޑިޕްލޮމެޓިކް ފިޔަވަޅެއްގެ ގޮތުން އިނގިރޭސިވިލާތުން ވަނީ މިޔަންމާގެ ޝާޖޭ ދަ އެފެއާޒް ހާޒިރުކޮށް، އެ ގައުމުގެ ޑިފެންސް އެޓާޗޭ ގައުމުން ފޮނުވާލާފައެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތައް ވަރުގަދަކުރުމަށްޓަކައި، ކެނެޑާ، ބެލްޖިއަމް އަދި ނިއުޒީލެންޑް ހިމެނޭހެން އެހެން 13 ގައުމަކާ އެކު، އައިސީޖޭގެ ނިޔާ ރަސްމީކޮށް ބަލައިގަތުމުގައި އިނގިރޭސިވިލާތުން ވަނީ ބައިވެރިވެފައެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، އިންސާނީ އެހީތެރިކަމަށާއި އިންސާފު ހޯދައިދިނުމުގެ މަސައްކަތްތަކަށް އައު ފަންޑިންގެ ގޮތުގައި 8 މިލިއަން ޕައުންޑް ދިނުމަށް އިނގިރޭސި ސަރުކާރުން ވަނީ ވައުދުވެފައެވެ. މީގެ ތެރޭގައި ރަޚައިން ސްޓޭޓްގައި ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް 350،000 މީހުންނަށް ކޮންމެހެން ބޭނުންވާ ފުރާނަ ސަލާމަތްކުރުމުގެ އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ 5 މިލިއަން ޕައުންޑް ހިމެނެއެވެ.