ހދ. ހަނިމާދޫގައި ކުރިއަށްދިޔަ "މައިލޯ ޗެމްޕިއަންޝިޕް 2026" ގައި ބައިވެރިވެ ދިއްދޫ ސްޕޯޓްސް އެކަޑަމީގެ ޓީމުތަކުން ހޯދި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން، އެ މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން އެންމެހައި ފަރާތްތަކަށް އެ އެކަޑަމީން ޝުކުރު އަދާކޮށްފިއެވެ.
ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް އަމާޒުކޮށްގެން މި ނޮވެމްބަރު މަހު ހދ. ހަނިމާދޫގައި ބޭއްވި މި މުބާރާތުގައި ދިއްދޫ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ދެ އުމުރުފުރާއެއްގެ ޓީމު ވަނީ ވާދަކޮށްފައެވެ. އެއީ 10 އަހަރުން ދަށުގެ ޓީމާއި 12 އަހަރުން ދަށުގެ ޓީމެވެ.
ހދ، ހއ. އަދި ށ. އަތޮޅުގެ އިތުރުން މާލޭގެ 15 އެކަޑަމީއަކުން ޖުމްލަ 28 ޓީމު ވާދަކުރި މި މުބާރާތުގައި ވާދަކުރި ދިއްދޫގެ ދެ ޓީމުގެ ތެރެއިން ދިއްދޫ ސްޕޯޓްސް އެކަޑަމީގެ 10 އަހަރުން ދަށުގެ ޓީމު ވަނީ މުބާރާތުގެ ރަނަރަޕްކަން ހޯދައި، ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފައެވެ.
އެ އެކަޑަމީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެ އުމުރުފުރާގެ ދަރިވަރުން މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާއިންނާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދުގެ ފަރާތްޕުޅުން ވަނީ އަގުހުރި އެހީތެރިކަމެއް ފޯރުކޮށްދެއްވާފައެވެ.
މީގެ އިތުރުން، އެކިއެކި ކަންކަން ފުރިހަމަކޮށްދިނުމުގައި އެހީތެރިވި ދިއްދޫ މަރޯކާ ކެފޭ އާއި، މުޒުފަރު ލޯންޗް އަދި އޯޝަން ލޯންޗުގެ ވެރިންނަށްވެސް އެކަޑަމީން ވަނީ ޚާއްޞަ ޝުކުރެއް ރައްދުކޮށްފައެވެ.
ހަމައެއާއެކު، މުބާރާތުގެ ތައްޔާރީތަކުން ފެށިގެން ނިމުމާ ހަމައަށް ސާބިތުކަމާއެކު ތިއްބަވައި، ބެލެނިވެރިން ވެދެއްވި އެއްބާރުލުމާއި ދެއްވި ހިތްވަރު އެކަޑަމީން ވަނީ ފާހަގަކޮށްފައެވެ. އަދި 10 އަހަރުން ދަށުގެ ޓީމު ހޯދި ރަނަރަޕް މަޤާމަކީ އެ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި އެއްބާރުލުމުގެ ނަތީޖާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ އެއްބާރުލުމެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ދިއްދޫ ސްޕޯޓްސް އެކަޑަމީން ބުނެފައިވެއެވެ.
ހދ. ހަނިމާދޫގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ "މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް 2026"ގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން މޯލްޑިވްސް ސޮކާ މޭޓްސް ހޯދާފައިވާއިރު، 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އެޑްވެންޗާ ފުޓްބޯލް އެކެޑަމީން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!