އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިޞަލް ރަސޫލް ލޯދީ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ޙައިސިއްޔަތުން ފައިޞަލް ރަސޫލް ލޯދީ ދެއްވި ޚާއްޞަ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާކުރެއްވުމަށްޓަކައި އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިވަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ދިވެހިރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖެއިން މިހާރު ޙާޞިލުކުރަމުންދާ ކުރިއެރުމާއި ތަރައްޤީ ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ތަޢުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ އެކި ކަންކަމާމެދު ޚިޔާލު ބަދަލުކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެފަރާތުން ވަނީ ދެއްވާފައެވެ. ޚާއްޞަކޮށް ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމީ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ދެފަރާތުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވަމުންނެވެ.