މުޅި މުބާރާތުގެ ގުރޫޕްތަކުގެ ބައިން 1 ވަނަ ދަގަތަ، ފޮޓޯ: މަކުނުދޫ އތމކ.ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން އިންތިޒާމުކޮށްގެން ބޭއްވި "ހީރާ 2026" މަދަހަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތުގެ ވަކިވަކި މަދަހައިގެ ބައިން މުޅި މުބާރާތުގެ އެއްވަނަ ލައްޒަތު ޝަރީފް ހޯދިއިރު، ގްރޫޕް ބައިން އެއްވަނަ ހޯދާފައިވަނީ "ދަގަތަ" އެވެ.
މި މަހުގެ 6 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 87 ބައިވެރިންގެ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފައެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ވަކިވަކި މަދަހަތަކާއި ގްރޫޕް މަދަހަތައް ހިމެނޭ ގޮތަށެވެ.
މުބާރާތުގައި ވަކިވަކި މަދަހައިގެ ގޮތުގައި 52 މަދަހައެއް ހުށަހަޅާފައިވެއެވެ. މި ބައިން މުޅި މުބާރާތުން އެއްވަނަ ލައްޒަތު ޝަރީފް ހޯދިއިރު، ދެވަނަ ލިބިފައިވަނީ އަޙްމަދު ރީޝާން އަށެވެ. އަދި މި ބައިން ތިންވަނަ ހޯދާފައިވަނީ ޝަހުލާ ޢަބްދުލް ފައްތާޙެވެ.
މީގެއިތުރުން ގްރޫޕް މަދަހައިގެ ބައިގައި ޖުމްލަ 13 ގްރޫޕެއް ވަނީ ވާދަކޮށްފައެވެ. މި ބައިން މުޅި މުބާރާތުގެ އެއްވަނަ "ދަގަތަ" އަށް ލިބުނުއިރު، ދެވަނަ ހޯދާފައިވަނީ އެކުވެރިންގެ ގްރޫޕެވެ. އަދި ގްރޫޕް ބައިން ތިންވަނަ ލިބުނީ "ކިނާރީ" އަށެވެ.
މި މުބާރާތުގައި ހިމެނޭ މުއައްސަސާތަކުގެ ބަޔަށް ބަލާއިރު، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ މަކުނުދޫ ހެލްތު ސެންޓަރެވެ. އަދި މި ބައިން ދެވަނަ ޙާޞިލްކުރީ މަކުނުދޫ ކައުންސިލް އިދާރާއެވެ.
"ހީރާ 2026" ގެ މުޅި މުބާރާތުގެ ޚާއްޞަ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ޓްރޮފީ އަދި ސެޓްފިކެޓް ވަނީ ދީފައެވެ. ހަމައެއާއެކު، އެކިއެކި ޢުމުރުފުރާތަކުން ވަނަވަނަ ޙާޞިލްކުރި ބައިވެރިންނަށް ވެސް ޓްރޮފީއާއި ސެޓްފިކެޓް ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!