ހދ. ކުމުންދޫގެ ފުޓްބޯޅަ ދަނޑުގައި މިއަދުން ފެށިގެން ކުޅިވަރު ކުޅުމުގެ ފުރުޞަތު ޢާންމުކޮށް އިއްޔެ ހުޅުވާލައިފިއެވެ.

ކުމުންދޫ ކައުންސިލުން ބުނީ، މި ފުރުޞަތު ހުޅުވާލާފައިވަނީ އެ ރަށު ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ދަނޑުގައި ޓާރފް އެޅުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމުމަށްފަހުގައި ކަމަށެވެ.

Ad
rt

ދަނޑު ހުޅުވާލުމާއެކު، އެ ތަނުގައި ކުޅިވަރު ކުޅޭ ފަރާތްތަކުން ދަނޑުގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. އެ ގޮތުން، ޓާރފް ދަނޑަށް އެއްވެސް ގެއްލުމެއް ނުވާނޭ ފަދަ އެކަށީގެންވާ ޓާރފް ބޫޓު ބޭނުންކުރުމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ދަނޑު ބޭނުންކުރާ ފަރާތްތަކުން އެ ތަނުގެ ސާފުތާހިރުކަން އެންމެ މަތީ ދަރަޖައެއްގައި ދަމަހައްޓަންވާނެ ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާއެކު، ދަނޑު ބޭނުންކުރުމަށްޓަކައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށް، ހެދިފައިވާ އެންމެހައި ޤަވާޢިދުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށްވެސް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުމުންދޫ ކައުންސިލުން ވަނީ ރަށުގެ ކުޅިވަރުގެ އުމްރާނީ ވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށާއި، ދަނޑު ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ރަށުގެ އެންމެހައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް އެދިފައެވެ.