އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ފުޅާކޮށް، ލުއި ގޮތްތަކެއްގައި ވިޔަފާރީގެ މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، ޙުސައިން ޒާމިރު ގޮވާލައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރު މިކަމަށް ގޮވާލެއްވީ ސްޓޭންޑިންގ ކޮމިޓީ ފޮރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ 42 ވަނަ މިނިސްޓީރިއަލް ސެޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކާގައެވެ.

Ad
rt

މި ބައްދަލުވުން ހުޅުވުމުގެ ގޮތުން ބޭއްވި މި ސެޝަންގައި ސްޓޭޓް މިނިސްޓަރު ޙުސައިން ޒާމިރު ވާހަކަދައްކަވާފައި ވަނީ އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ މެންބަރު ޤައުމުތަކުގެ ފަރާތުންނެވެ.

ސްޓޭޓް މިނިސްޓަރުގެ ވާހަކާގައި، އިސްލާމީ ޤައުމުތަކުގެ މެދުގައި އޮތް އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި ހިންގޭ ވިޔަފާރީގެ އެކި މުޢާމަލާތްތައް މިހާރަށްވުރެ އިތުރުކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން، ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ލުއި ގޮތްތަކެއްގެ މަތިން ވިޔަފާރީގެ މާލީ އެހީތެރިކަން ލިބޭނެ މަގުތައް ފަހިކޮށްދިނުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް އަލިއަޅުއްވާލެއްވިއެވެ.

ހަމައެއާއެކު، މެންބަރު ޤައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އެ ދާއިރާއިން މަސައްކަތްތައް ހަރުދަނާކުރުމަށްވެސް ޒާމިރުގެ ވާހަކާގައި ވަނީ އެދިވަޑައިގެންފައެވެ.