ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ކޮމަންވެލްތުގެ ގައުމުތަކުން ކުރާ މަސައްކަތްތައް އިތުރުކުރުމަށާއި، އެ ޖަމިއްޔާއަކީ މިހާރަށްވުރެ ހަރުދަނާ އަދި މިއަދުގެ ބޭނުންތަކަށް އެކަށޭނަ ޖަމިއްޔާއަކަށް ހެދުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. ރާއްޖެއިން މިކަމަށް ގޮވާލީ އެންޓީގާ އެންޑް ބާބޫޑާގެ ސެއިންޓް ޖޯންސްގައި ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ކުރިން ބޭއްވި އެ ޖަމިއްޔާގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައެވެ.

ދިވެހި ޚާރިޖިއްޔާއިން ބުނީ، މިއަދު ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ކަމަށެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ކޮމަންވެލްތުގެ ލަނޑުދަނޑިތައް އެންމެ އެކަށޭނަ ގޮތުގައި ހާސިލްކުރުމަށްޓަކައި ޖަމިއްޔާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

Ad
rt

މީގެއިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމުގައި ކޮމަންވެލްތުން މިހާރަށްވުރެ ފުޅާ ދައުރެއް އަދާކުރަންޖެހޭ ކަމަށް ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިރުތިޝާމް ހުށަހެޅުއްވި ގޮތުގައި، މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ކުރިމަތިވަމުންދާ މާލީ ދަތިތަކަށް ހައްލު ހޯދޭނެ ފަދަ އިންތިޒާމެއް އޮންނަންޖެހެއެވެ. އެގޮތުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ފަސޭހައިން އެހީތެރިކަން ލިބޭނެ ހަރުދަނާ މާލީ ނިޒާމެއް ގާއިމުވެފައި އޮތުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ކޮމަންވެލްތުގެ ނިންމުންތައް ނިންމުމުގައާއި އެ ޖަމިއްޔާގެ އިސް ދައުރެއް އަދާކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ދިނުމަށްވެސް ވަޒީރު ގޮވާލެއްވިއެވެ. އަދި ކޮމަންވެލްތާއެކު ރާއްޖެއިން ބާއްވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަގީންކަން ވެސް އެކަމަނާގެ ވާހަކަފުޅުގައި ދެއްވިއެވެ.

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ، އެ ޖަމިއްޔާގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއީ ކޮމަންވެލްތުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި ބާއްވާ މުހިންމު ސައްލާއެކެވެ.