ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ ޤެޝްމް ރަށުގެ ދެކުނުން ދަތުރުކުރި އެމެރިކާގެ ދެ ޑްރޯނެއް، އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތައް ބޭނުންކޮށްގެން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ހޯމަ ދުވަހު ވައްޓާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީންނެވެ.

Ad
rt

ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައިއާރްޖީސީގެ އެއަރޯސްޕޭސް ފޯސްއިން ހަމަލާދީފައިވަނީ އެމެރިކާގެ އެމްކިއުއެމް-170 މަރުކާގެ ދެ ޑްރޯނަށެވެ. މިއާއެކު، އީރާނުގެ ބާރުތަކުން އަތުލައިގަތް ކަމަށް ބުނާ މި ބާވަތުގެ ޑްރޯންތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. އަދި މި އޮޕަރޭޝަނުގެ ސަބަބުން އެ ޑްރޯންތަކަށް އޭގެ މިޝަންތައް ފުރިހަމަކުރުމަށް ހުރަސްއެޅުނު ކަމަށް ބުނެފައިވީ ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

އީރާނުން މިކަން ހާމަކޮށްފައި މިވަނީ ވޭތުވެދިޔަ ހަފުތާގައިވެސް މިފަދަ ދެ ހާދިސާއެއް ހިނގި ކަމަށް ހާމަކޮށްފައިވަނިކޮށެވެ. އެގޮތުން، ޤެޝްމް ރަށުގެ މަތިން ދަތުރުކުރި އެމްކިއުއެމް-170 މަރުކާގެ ޑްރޯނެއް އިލެކްޓްރޯނިކް ހަނގުރާމައިގެ ނިޒާމުތައް ބޭނުންކޮށްގެން އައިއާރްޖީސީގެ އެއަރޯސްޕޭސް ފޯސްއިން ހުކުރު ދުވަހު ވައްޓާލާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ނިއުސް އޭޖެންސީ އިރްނާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން، އޭގެ އެއް ދުވަސް ކުރިން ބުރާސްފަތި ދުވަހު އައިއާރްޖީސީގެ ނޭވީން ވަނީ ހުޅަނގު ހޮރްމުޒް ކަނޑުއޮޅިން އެ ބާވަތުގެ އެހެން ޑްރޯނެއްގެ ކޮންޓްރޯލް އަތުލައި، އެއަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ބިމަށް ބާލާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ހާދިސާއާ ގުޅޭ ގޮތުން އީރާނުން ދެއްކި ވާހަކަތައް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދޮގުކޮށްފައެވެ.

އެންމެ ފަހުގެ މި ރިޕޯޓްތައް ފެންމަތިވެފައި މިވަނީ، މެދުވެރިން މެދުވެރިކޮށް ތެހެރާނާއި ވޮޝިންގޓަނާ ދެމެދު ސީދާ ނޫން ގޮތެއްގައި ޑިޕްލޮމެޓިކް މުއާމަލާތްތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ހޯމަ ދުވަހު ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް ދެ ގައުމުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އަދި ޤަޠަރު މެދުވެރިވެގެން ކުރިއަށްދާ މި މުއާމަލާތްތަކަށް މަގުފަހިކުރުމުގެ ގޮތުން ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ދޯހާއަށް ޒިޔާރަތްކުރެއްވި ކަމަށްވެސް އޭނާ ކަށަވަރުކޮށްދެއްވިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ގައެވެ. އޭގެ ރައްދުގައި އީރާނުން އިސްރާއީލަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒުތަކަށް ހަމަލާތައް ދިން ނަމަވެސް، އޭޕްރީލް މަހުގެ ތެރޭގައި ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައެވެ. އޭގެ ފަހުން، ހޮރްމުޒް ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން އެމެރިކާއާއި އީރާނުން ޖޫން މަހުގެ 18 ގައި ފަހުމުނާމާއެއްގައި ސޮއިކުރި ނަމަވެސް، އެ ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ އެ އެއްބަސްވުމަށް އަމަލުކުރުން މިހާރު ވަނީ މަޑުޖެހިފައެވެ.