ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަގުތީ ގޮތުން ކަރާ އިންދުމަށް، ހއ. ކެލާގެ ދެކުނުކޮޅުން 5،000 އަކަފޫޓުގެ ދަނޑުބިންތަކެއް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ކެލާ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ދެކުނުކޮޅު ވަތަބަނޑޭރި މަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ކަމަށެވެ. އަދި މި ބިންތައް ދޫކުރާނީ ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ.

Ad
rt

މި ބިންތަކަށް އެދި ކުރިމަތިލެވޭނީ ކެލާ ކައުންސިލްގެ ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މިއީ އެ ރަށުގެ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަނޑައަޅާފައިވާ މުހިންމު ޝަރުޠެކެވެ.

މީގެ އިތުރުން، ބިމަށް އެދޭ ފަރާތަކީ ކެލާގެ ރައްވެއްސަކަށް ވުމާއެކު، އެ ރަށުގައި ދިރިއުޅޭ މީހަކު ކަމުގައި ވާންޖެހޭނެ ކަމަށްވެސް ކައުންސިލުން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ޝަރުޠު ހަމަވާ ކޮންމެ ފަރާތަކަށްވެސް ދޫކުރެވޭނީ އެންމެ ބިމެކެވެ. އަދި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ޢަދަދަށްވުރެ އިތުރަށް ފޯމު ހުށަހަޅައިފިނަމަ، ބިން ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށްވެސް ބުނެފައިވެއެވެ.

ދަނޑުބިން ހޯދުމަށް އެދޭ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު 02 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކެލާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.