އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި ޗެލްސީގެ މައްޗަށް 2-0 އިން ކުރިހޯދައި، ވޭތުވެދިޔަ 36 އަހަރުގެ ތެރޭގައި ސްޓެމްފޯޑް ބްރިޖުގައި ލީގު މެޗަކުން ޓޮޓެންހަމް ހޮޓްސްޕާސް ދެވަނަ ފަހަރަށް މޮޅުވެއްޖެ އެވެ. އަނެއްކޮޅުން، އެސްޓަން ވިލާ އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ ނަގައި، އެވަޓަން އަތުން 2-0 އިން މޮޅުވެ އާސެނަލް ވަނީ ތާވަލުގެ އެއްވަނައިގައި ސިޓީއާ އަރާ ހަމަކޮށްފަ އެވެ.
ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ސްޕާސްއިން ލީޑު ނެގީ 77 ވަނަ މިނެޓުގަ އެވެ. އެއީ ލީގުގައި އަލަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ކޮނޯ ގަލަގާ އަށް ކުރި ފައުލަކާ ގުޅިގެން ދެއްކި ދެވަނަ ރީނދޫ ކާޑާ އެކު ޗެލްސީގެ ކޯލް ޕާމާ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ސްޕާސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަމިއްލަ ހާފުން ބޯޅަ ހިފައިގެން އަރައި ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލި ހިތްގައިމު ހަމަލާއަކުން މަތީސް ޓެލް އެވެ. މެޗަށް ފަހު ޓެލް ބުނީ މިއީ ވަރަށް ހާއްސަ ކާމިޔާބީއެއް ކަމަށެވެ. "މިއީ ވަރަށް ހާއްސަ ކަމެއް، ސަބަބަކީ އަހަރެމެން މި ދަނޑަށް ވަރަށް ގިނައިން އައިސް މޮޅެއް ނުލިބިފައި އޮތުމުން،" ޓެލް ބުންޏެވެ. "އަދި މިއަދު އަހަރެމެން އެންމެން އެކުގައި މިކަން ހާސިލުކޮށް، ދެއްކީ ވަރުގަދަ މެންޓަލިޓީއެއް. އަހަރެން މިކަމާ ވަރަށް އުފާވޭ." މި މޮޅާ އެކު ސްޕާސް ވަނީ ތާވަލުގެ 12 ވަނައަށް ޖެހިލައިފަ އެވެ.
ލީގުގައި ސިޓީގެ ބަލިނުވުމުގެ ސިލްސިލާއަށް ނިމުން އައީ ވިލާ ޕާކުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވުމުންނެވެ. ވިލާއިން ވަނީ ސިޓީގެ މައްޗަށް ޖެހިޖެހިގެން ތިންވަނަ ލީގު މޮޅު ހޯދައި، 11 ޕޮއިންޓާ އެކު ތާވަލުގެ ހަވަނައަށް އަރައިފަ އެވެ. މެޗުގެ ހަވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރު މާކް ގުއޭހީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ވިލާގެ ކެޕްޓަން ޖޯން މެކްގިން ދިން ބޯޅައަކުން އެ ޓީމަށް ލީޑު ނަގައިދިނީ ނިކޮލަސް ޖެކްސަން އެވެ. ދެވަނަ ހާފު ފެށުނުތަނާ އިލިމާން އެންޑިއާޔޭ ނަގައިދިން ހިލޭޖެހުމަކުން އާލިން ހާލަންޑް ބޮލުން ޖަހައި ސިޓީއަށް އެއްވަރުކޮށްދިން ނަމަވެސް، 60 ވަނަ މިނެޓުގައި އިބްރާހިމް އެމްބާޔޭ ދިން ބޯޅައަކުން ވިލާ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ ވެސް ޖެކްސަން އެވެ. މި ހަމަލާ ގޯލަށް ވަނީ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުއްމާގެ ގައިދަށުންނެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ޖެކްސަން ބުނީ މިއީ އާދަޔާހިލާފު މޮޅެއް ކަމަށާއި އެންމެ މުހިންމު ކަމަކީ ތިން ޕޮއިންޓް ލިބުން ކަމަށެވެ.
"މެން ސިޓީއަކީ ވަރުގަދަ ޓީމެއް، ލީގުގެ އެއްވަނައިގައި އޮތް ޓީމު،" ޖެކްސަން ބުންޏެވެ.
"މިއީ އަދި ފެށުން، އަހަރެމެން މަސައްކަތް މި ކުރަނީ މެޗަކުން މެޗަކަށް ބަލައިގެން ކުރިއަށްދާން." އޭނާ އިތުރުކުރިއެވެ.
ސިޓީ މި ސީޒަނުގައި ކުޅެމުން އަންނަނީ ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވި ކަމަށް ބުނެ މިނިވަން ކޮމިޝަނަކުން ނިންމި 114 މައްސަލައިގެ ހިޔަނި އެޅިފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ސިޓީން ވަނީ އެ ތުހުމަތުތަކަށް އަބަދުވެސް އިންކާރުކޮށް މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ.
ސިޓީ ބަލިވުމުގެ ފައިދާ ނަގައި އާސެނަލް ވަނީ އެމިރޭޓްސް ސްޓޭޑިއަމްގައި ބޯ ވާރޭގެ ތެރޭގައި ކުޅުނު މެޗުން އެވަޓަންގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ. މެޗުގެ ހަތްވަނަ މިނެޓުގައި މާޓިން އޮޑެގާޑް ނެގި ކޯނަރަކުން އުފެދުނު ހަލަބޮލިކަމުގެ ތެރޭގައި އާސެނަލަށް ފުރަތަމަ ލަނޑު ޖަހައިދިނީ އެޒްރީ ކޮންސާ އެވެ. މިއީ އެ ކްލަބަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. އަދި މިއީ މިދިޔަ މެއި މަހަށް ފަހު ހުރިހާ މުބާރާތެއް ހިމެނޭހެން 13 މެޗުގެ މެދުކެނޑުމަކަށް ފަހު ސެޓްޕީސްއަކުން އާސެނަލް ޖެހި ފުރަތަމަ ލަނޑެވެ.
މެޗަށް ފަހު ކޮންސާ ބުނީ އެ ދަނޑުގައި ކުޅެން އިދިކޮޅު ޓީމުތަކަށް އުނދަގޫވާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ. "އަހަރެމެން މިއީ ޗެމްޕިއަނުން، އަދި ޗެމްޕިއަނުންނަށް ވާން ބޭނުންނަމަ ގަވާއިދުން މެޗުތަކުން މޮޅުވާންޖެހޭނެ. މިއީ އަހަރެމެންގެ ދަނޑު، އަދި އަހަރެމެން ބޭނުންވަނީ މި ދަނޑުގައި ވީހާވެސް ގިނަ މެޗުން މޮޅުވާން،" ކޮންސާ ބުންޏެވެ. އާސެނަލްގެ ދެވަނަ ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކްލަބަށް ކުޅުނު 200 ވަނަ މެޗު ފާހަގަކުރި ބެން ވައިޓް ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ގެބްރިއަލް އެވެ. މިއީ ޕްރިމިއާ ލީގުގައި ގެބްރިއަލް ކުޅުނު 200 ވަނަ މެޗެވެ.
މި ނަތީޖާއާ އެކު އަށް މެޗުން ލިބުނު 21 ޕޮއިންޓާ އެކު މިކޭލް އާޓެޓާގެ އާސެނަލް ވަނީ އެއްވަނައިގައި އޮތް ސިޓީއާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފަ އެވެ. އެވަޓަން އޮތީ ތާވަލުގެ ނުވަވަނައިގަ އެވެ. މީގެ އިތުރުން ކޮވެންޓްރީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ފުލަމް އިން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ 80 ވަނަ މިނެޓުގައި ފުލަމް މޮޅުކޮށްދިން ހިތްގައިމު ލަނޑު ޖަހައިދިނީ އޮސްކާ ބޮބް އެވެ. މި ނަތީޖާއާ އެކު ފުލަމް ތާވަލުގެ 13 ވަނައިގައި އޮތްއިރު، ކޮވެންޓްރީ އޮތީ 19 ވަނައިގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!