ހއ. ކެލާ ބަނދަރުގެ ސަރަހައްދަކަށް ވެލިއަރައި ތިލަވުމާ ގުޅިގެން، ބަނދަރު ފުންކުރުމުގެގޮތުން އާންމުންގެ ބޭނުންތަކަށް ވެލި ނެގުމުގެ ފުރުސަތު އެއްމަސް ދުވަހުގެ މުއްދަތަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ކެލާ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ރަށު ބަނދަރުގެ އިރުއުތުރު ފަރާތަށް ވެލިއަރައި ތިލަވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ފުންކުރުމުގެ ގޮތުން، އާންމުންގެ ބޭނުންތަކަށް ވެލި ދޫކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އެ ރަށު ބަނދަރުން ވެލި ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދީފައިވަނީ 20 ނޮވެންބަރު 2026 ގެ ނިޔަލަށެވެ.
ބަނދަރު ސަރަހައްދުން ވެލި ނެގުމުގައި އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ކައުންސިލުން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ވެލި ނަގަންވާނީ ހިކިދިޔައިގައި، ބަނދަރުގެ އެތެރޭގެ އިރުއުތުރު ފަރާތުން ކަމަށް ކައުންސިލުން ވަނީ އަންގައިފައެވެ.
މީގެ އިތުރުން، ބަނދަރުގެ ހިލަތޮށްޓަށް އެއްވެސް ގެއްލުމެއް ނުވާނެހެން އަމަލުތައް ބެހެއްޓުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އެހެންކަމުން، ވެލި ނަގަންވާނީ ހިލަތޮށިން ފެށިގެން ހަތަރު ފޫޓު ދުރުން ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ވެލި ނެގުމަށްފަހު ބަނދަރު ސަރަހައްދު ބޭނުންކުރުމާ ގުޅޭގޮތުން ކައުންސިލުން ބުނީ، ވެލި އަޅާފައި ހުންނަ ބަސްތާތައް ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ ގިނަވެގެން ހަތަރު ގަޑިއިރުގެ މުއްދަތަކަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!